"ބުރެވި" ތޫފާނުގެ ބާރު ދަށްވެ، ބާރުގަދަ ކޮޅިގަޑަކަށް، މޫސުމަށް ސަމާލުވޭ!

"ބުރެވި" ތޫފާނުގެ ބާރު ދަށްވެ، ބާރުގަދަ ކޮޅިގަޑަކަށް، މޫސުމަށް ސަމާލުވޭ!

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 09:49
0

ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ޠޫފާން "ބުރެވި" ބާރު ދަށްވެ، ބާރު ގަދަ ކޮޅިގަނޑަށް ބަދަލުވެފައިވާ ކަމުގައި  މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބުރެވި ޠޫފާންގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށެވެ.

އެއިދާރާއިން ބުނެފައިވަނީ "ބުރެވި" ތޫފާންގެ ބާރު ދަށްވެ، މިހާރުވަނީ ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެ، އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައިކަމަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ތޫފާނުގެ ބާރު ދަށްވިޔަސް ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކޮށްފާނެކަމަށް ބަލައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

މެޓު އޮފީހުންވަނީ މިއަދު 7:00 އިން ފެށިގެން 13:00 އާއި އާހަމައަށް ގދ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެއޮފީހުން ލަފާކުރައްވަނީ މިއަދު ރާއްޖޭގެ ހުރިހައި ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރުކުރަނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. ޢާއްމުކޮށް ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.