އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެރޭ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ބްރާސްފަތި ދުވަހުގެރޭ އާޓްފިޝަލް ބީޗުގައި ބާއްވާ ޚާއްސަ ޖަލްސާގައެވެ. މިއީ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއަކަށް ވުޖޫދު ކުރުމަށް ކުރާ މަސައްކަތުގައި ހާމަކަން ބޮޑު ތަނެއްގައި ބާއްވާ މިފަދަ ފުރަތަމަ ޖަލްސާއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެޕާޓީއާއި ގުޅޭނެކަމަށް އިއުލާންކޮށްފައެވެ. އެރޭ ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައިތާ ދެވަނަ ފަހަރު ކަމަށާއި އަދި ގިނަ ވަޒީރު ބޭފުޅުންނަކީވެސް ތަކުރާރުކޮށް ވަޒީރުކަން ކުރައްވާ ބޭފުޅުން ކަމަށްވާ އިރު ނުހަނު ރަނގަޅަށް ކުރެވޭން އޮތް ކަމެއް ހަރާބުގެ މަގަށް ގެންގޮސް އެންމެ ފަހުން މުޅި އެމްޑީޕީވެސް ދެބައި ކޮށްފައިވާ ކަމަށެވެ.
އެ ބޭފުޅުން އެ ކުޑަ މިންވަރާއެކީގައި އެ ވަޑައިގެންނެވީ، ތި ބޭފުޅުން ތިޔަ ގެންދަވަނީ މި އިންތިހާބު ކާމިޔާބު ކުރެއްވުމަށް. އަޅުގަނޑު ތި ބޭފުޅުންނާ ގުޅޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ޑިމޮކްރެޓްސްއާއި ރަސްމީކޮށް ގުޅުމަށް ބާއްވާ ޖަލްސާ ބްރާސްފަތި ދުވަހުގެރޭ ބާއްވާއިރު، މިއީ އެމްޑީޕީ ނޫން ޕާޓީއަކަށް ނަޝީދު ސޮއި ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ. ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ބައިކަމަށެވެ.