ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދަނިކޮށް ފަރަށް އެރި ބާޖުގެ މައްސަލަ ބަލަމުން ދަނިކޮށް އެ ބާޖު ފުރައިފިއެވެ.
އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ މި ބާޖަކީ ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރަން ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖެކެވެ. ބާޖު ފަރަށް އަރާފައިވަނީ މަސައްކަތް ކުރާ ސަރަހައްދަށް ހިލަ ހިފައިގެން ވަދެ އޮއްވާ ބާޖު އަރިއަޅާލައިގެންނެވެ. ހުކުރު ދުވަހު ފަރަށް އެރި މި ބާޖު ފުންކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެއެވެ.
މި މައްސަލަ ބަލާ ތަހުގީގު ކުރަމުންދާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެއެވެ. ނަމަވެސް އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ.
ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދަނިކޮށް ފަރަށް އެރި ބާޖުގެ އެޖެންޓް ކުންފުނިން ބޭނުން ކުރަމުންދިޔަ އުޅަނދުތަކެއް މީގެ ކުރިންވެސް ފަރަށް އެރިކަން ވަނީ ހާމަވެފައެވެ. އެގޮތުން މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކަން އެ ކުންފުންޏަށް އެންގި ނަމަވެސް އަދިވެސް ނުދައްކާކަން ނައީމް ފާހަގަ ކުރެއްވިއެވެ.
އީޕީއޭއިން ވަނީ 2015 ވަނަ އަހަރު ހިނގި އެ ދެ ހާދިސާއާ ގުޅިގެން 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް ބުނެފައެވެ. އެ ދެ އުޅަނދު ފުން ކުރެވުނީ ވެސް އެތައް މަހެއްވީ ފަހުންނެވެ.
ފުށި ދިއްގަރު ނޫނަސް އެެހެން ހާދިސާތަކާއި ގުޅިގެން ވެސް އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.