ބޮލީވުޑުގެ މަޝްހޫރު އެތައް ތަރިންނެއް ފިލްމުތަކުގައި ތަފާތު ސުޕަރ ހީރޯ ކެރެކްޓާތައްކުން ބެލުންތެރިންނަށް ވަނީ ފެނިފައެވެ. ސިންގަމް، ސިންބާ، ޓައިގާ ފަދަ ކެރެކްޓާތަކުން މަޝްހުރު ތަރިން ފެނިގެން ގޮސްފައިވާއިރު މި ކެރެކްޓާތައް އެކީގައި އެއް ފިލްމަކުން ފެނިގެން ދިއުމަކީ ބެލުންތެރިން ބޭނުންވެފައި ތިބި ކަމެކެވެ.
ރޯހިތު ޝެއްޓީގެ އެންމެ ފަހުގެ ފިލްމު ސޫރްޔަވަންޝީ އިން ސިންގަމް އަދި ސިންބާގެ ކެރެކްޓާ އެކުގައި ފެނިގެންދާނެކަން އެގުމާއެކު އެ ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރާވަރު ބޮޑުވެގެންދިޔަކަން އެއީ އެފަދަ ކެރެކްޓާތަށް އެކުގައި ފެނިގެންދާން ބޭނުންވާކަމުގެ ހެއްކެކެވެ.
ސޫރްޔަވަންޝީ އަށްފަހު އަނެއްކާވެސް މިފަދަ ފިލްމެއް ބެލުންތެރިންނާހަމައަށް އަންނާނެކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައެވެ. މިފަހަރުގެ ފިލްމަކީ ޔަޝް ރާޖު ފިލްމްސް އިން ގެނެސްދޭ ފިލްމެކެވެ. ޔަޝް ރާޖު ފިލްމްސްއިން އެފަދަ ކެރެކްޓާތަށް ވަނީ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
ޝާހުރުކު ޚާން މިހާރު ކުޅެމުންދާ ފިލްމު ޕަތަން އިން ސަލްމާން ޚާންގެ ޓައިގާ ކެރެކްޓާ ފެނިގެންދާނެކަން އިޢުލަން ކުރަމުން ޔަޝް ރާޖު ފިލްމްސް އިން ބުނެފައިވަނީ ސަލްމާންގެ ކެރެކްޓާއެއްކަމަށްވާ ޓައިގާ އަދި ޝާހުރުކު ޚާންގެ ޕަތަންގެ ކެރެކްޓަރ އެކުގައި ސަލްމާންގެ "ޓައިގާ 3″ އިން ފެނިގެންދާނެކަމަށެވެ.
"ޓައިގާ 3″ އަކީ ސަލްމާންގެ އެކްތާ ޓައިގާ އާއި ޓައިގާ ޒިންދާހޭ ސީކުއަލްގެ ފިލްމެކެވެ. ބޮލީވުޑުގެ ވަރުގަދަ ދެ ތަރިންގެ ފެންނާނެ ފިލްމު 2021ވަނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެކަމަށް ފިލްމުގެ ޕޮރޮޑަކްޝަނުން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ މިއީ ފެށުމެއް ކަމަށާއި 2023 ވަނަ އަހަރު ހުރިހާ ކެރެކްޓާތަކާއި އެކެރެކްޓާތަކާއެކު ހަރަކާތްތެރިވާ އެކްޓްރެސް އިންނާއެކު އެއް ފިލްމަކުން ފެނިގެންދާނެކަމުގެ ހަބަރުތަށްވެސް އަންނަނީ ލިބެމުންނެވެ.
ޔަޝް ރާޖުގެ ފިލްމުތަކަށް ބަލާއިރު އުއްމީދު ކުރެވެނީ އެ ބޮޑު ޕްރޮޖެކްޓްގެ ތެރެއިން ސާހުރުކު ޚާން، ސަލްމާން ޚާން، ރިތިކް ރޯޝަންގެ އިތުރުން ދީޕިކާ ޕަޑުކޮން އަދި ކެތުރީނާ ކައިފްވެސް ފެނިގެންދާނެކަމަށެވެ. މި 5 ތަރިން އެކުގައި ފެނިގެންދިއުމަކީ އިންޑިއާ ސިނަމާގެ ތާރީހުގައި ލިޔެވިގެންދާނެ ކަމެއްކަމަށް ރިޕޯރޓުތައް ބުނާއިރު މި ފިލްމުގެ އޯޕަނިންނަށް އެކަނިވެސް 100 ކަރޯޑު ރުޕީސް ލިބޭނެކަމަށް ރިޕޯރޓްތައް ބުނެއެވެ.
މިވާހަކަތަށް ފެތުރެން ފެށުމާއި އެކު ކުރިއަށް ހުރި އަހަރުތަކަށް ކުރާ އިންތިޒާރު ބޮޑުވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކޮއްފައިވާއިރު އަނެއްބަޔަކު ބުނެފައިވަނީ އެފަދައިން އެއް ފިލްމަކުން އެ ކެރެކްޓާތައް ފެނިގެން ހިނގައިދާނެކަން އިހުސާސްވިޔަސް ގައިން ހީބިހި ނަގާކަމަށެވެ.