ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ ދޮޅުމަހަށް ގާތްވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކުގެ، ލީޑަރޝިޕުން މިހާރުވަނީ ރާއްޖެތެރޭގެ ރަށްތަކަށް ދަތުރުތައް ފަށާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޖުމުހޫރީ ޕާޓީއާއި އެމްއެންޕީ ހިމެނޭއިރު، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ހިމެނޭގޮތުން އެޕާޓީގެ ލީޑަރޝިޕުން މިހާރުދަނީ އެކި އަތޮޅުތަކަށް ދަތުރުކޮށް، ރަށްތަކުގައި ޖަލްސާ ބާއްވާ އެ ޕާޓީގެ ވައުދުތައް އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެމުންނެވެ. އޭގެ އިތުރުން ރައީސް ސާލިހާއި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ފަރާތްޕުޅުންވެސް އެޕާޓީގެ ލީޑަރޝިޕުންވެސް މިހާރުވަނީ އަތޮޅުތަކަށް ދަތުރުތައް ފަށާފައެވެ.
އެގޮތުން ޖުމުހޫރީ ޕާޓީގެ އެޑްވައިޒަރުންނާއި ނާއިބު ލީޑަރުންގެ ޓީމުތަކުން މިހާރުވަނީ މެދުރާއްޖެތެރެއާއި އަދި އުތުރުގެ އަތޮޅުތަކަށް ދަތުރުތައް ފަށާފައެވެ. ޓީމުތަކުން ދަނީ ގާސިމް އިބުރާހިމްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް އާންމު ރައްޔިތުންނާއި ހަމައަށް ގެންގޮސްދީ، ރިޔާސީ ކެނޑިޑޭޓަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތްއ މެކުހަށް ޖަހާފައެވެ.
އެހެންނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޕާޓީތަކުން ވަރުގަދަ ކުރުމުން ދާއިރު، ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ، އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕް އަދިވެސް އޮތް ހާލަތެވެ. ލީޑރަޝިޕަށް އަދިވެސް ރާއްޖެ ތެރޭގެ ދަތުރުތައް ފެށިފައެއް ނުވެއެވެ. މެނިފެސްޓޯ އެކުލަވާލާ މެނިފެސްޓޯ އިއުލާން ކުރެވިފައެއް ނުވެއެވެ. ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޖަލުގައި އޮތްއިރު، ރައީސް ޔާމިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކުރުންފިޔަވާ އެޕާޓީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަމާޒުކޮށް، "މާބޮޑު ކަމެއް" ކުރަމުން ނުދާކަން މިއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އީދަށްފަހު ކެމްޕޭން ފަށައެއް ނުގަނެވުނު!
އިދިކޮޅު ޕީޕީއެމް ފާހަގަ ވެގެންދަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ޕާޓީގެ ކެނޑިޑޭޓާއި އެންމެ ކުރިން ހަވާލުކުރި ޕާޓީގެ ގޮތުގައެވެ. މިގޮތުން ފާއިތުވި 2022 ވަނަ އަހަރު ޖުލައިމަހު ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީން ރައީސް ޔާމިންއާއި ހަވާލުރުކުމަށްފަހު، އެޕާޓީ ފާހަގަވެގެން ދިޔައީ އެންމެ ފުރަތަމަ ރިޔާސީ ކެމްޕޭން ފެށި ޕާޓީގެ ގޮތުގައިވެސް މެއެވެ.
އެހެންނަމަވެސް، ގާނޫނީގޮތުން، ކުރިަޔށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަން އެނގިވަޑައިގެން ހުންނަވައިގެންވެސް، މުޅި ޕާޓީ ކަސްތޮޅެއްގައި ބާއްވައިގެން ރައީސް ޔާމިން ގެންދަވަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް ވަކާލާތު ކުރައްވަމުންނެވެ. އަދި އެނޫން ހާލަތެއްގައިވެސް އެހެން އެއްވެސް ފަރާތަކަށް ޕާޓީގެ ޓިކެޓް ލިބިގެން ހިގައިދާނެ ހުރިހާ ދޮރެއްވެސް ހުންނެވީ ބަންދުވެސް ކުރައްވައިގެންނެވެ.
ހަމަ އެއާއެކު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރައީސް ޔާމިން ޖަލުގައި އޮންނަވައިގެން ޕާޓީގެ ރިޔާސީ ޓިކެޓް އެހެން އެއްވެސް ފަރާތަކަށް ލިބުނަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހަގީގީ ނަތީޖާއަކަށް މިއަދު ވެގެން ގޮސްފައިވަނީ، ޕާޓީއަށް ރިޔާސީ ކެމްޕޭންވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވުމެވެ. އެއީ މިވަގުތު އިދިކޮޅު ޕީޕީއެންއަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމާއި އަދި ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އެހެންނަމަވެސް ޕާޓީގެ އާންމު މެމްބަރުންނަށް އަންނަމުންދާ މާޔޫސްކަމަށް ތަސައްލީއެއް ހޯދުމަށް އަމާޒުކޮށް، ޕާޓީގެ ރިޔާސީ ކެމްޕޭން ފަށާނެކަމަށް އެތައް ފަހަރެއްގެމަތިން އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން އިއުލާން ކޮށްފައިވެއެވެ. މިގޮތުން ފާއިތުވި ރޯދަމަހަށްފަހު ރިޔާސީ ކެމްޕޭން ފަށާނޭކަން އިއުލާންކޮށް، އެއަށްފަހު އޭގެ ފަހަށް 3 މަސް ފާއިތުވެގެން ދިޔައިރުވެސް ޕީޕީއެމްއަށް ރަށްރަށަށް އެޕާޓީގެ ދަތުރުތައް ފެށިފައެއް ނުވެއެވެ.
އެއަށްފަހު ފާއިތުވި ޖޫންމަހުގެ މެދުތެރޭގައިވެސް ކެމްޕޭން ދަތުރުތައް ރަށްރަށަށް ފަށާނޭކަން ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން އިއުލާން ކުރިނަމަވެސް އެ ދަތުރުތަކެއްވެސް ޕާޓީއަށް ފެށިފައެއް ނުވެއެވެ. އޭގެފަހުން ކެމްޕޭން މެނޭޖަރުން ޕާޓީގެ ފަރާތުން ހަމަޖައްސާ، އަނެއްކާވެސް، ފާއިތުވެދިޔަ އީދު ބަންދަށްފަހުވެސް ކެމްޕޭން ދަތުރުތައް ފަށާނޭކަން ޕާޓީގެ ލީޑަރޝިޕުން އަނެއްކާވެސް އިއުލާން ކުރިއެވެ.
މިގޮތުން، ރައީސް ޔާމިންގެ ރިޔާސީ ކެމްޕޭން އީދު ބަންދަށްފަހު ފަށާނޭކަން ޕާޓީގެ ލީޑަރޝިޕުން އިއުލާން ކުރުމަށްފަހު ދެން ފެނިގެންދަޔައީ، ކެމްޕޭން ޓީޝާޓުތަކެއްގައި ލީޑަރޝިޕުގެ މަދު ބަޔަކު މާލޭގެ ބައެއް ގެތަކަށް ދަރުން ދޮރުން ދޮރަށް އެއްދުވަހު ހިންގެވި މަންޒަރެވެ. އެނޫން އެހެއް އެއްވެސް ހަރަކާތެއް ޕާޓީގެ ލީޑަރޝިޕުން ރިޔާސީ ކެމްޕޭނަށް އަމާޒުކޮށް މިހާތަނަށް ކޮށްފައި އޮތްތަނެއް ފެންނާކަށް ނެތެވެ.
އެންމެ ކުޑަމިނިން ރައީސް ޔާމިން ކެމްޕޭން ޕޯސްޓަރެއްހާ މިންވަރުވެސް ރަށުތެރެއިން ފެންނަމުންނެއް ނުދެއެވެ. އެކި ރަށްތަކުގައި ހުރި ޕާޓީގެ ޖަގަހަތަކުގައި އާބާތުރަ ފިލުވޭނެ ގޮތެއް ނެތެވެ. ރަށްރަށުގައި ހުރި ޕާޓީގެ ޖަގަހަތައް ބާވެ ހަސްފަސް ނެތިގެން ގޮސްފައިވާތާނގަ، ޖަގަހައެއްގައި ސައުޑް ސްޕީކަރެއް ކީއްކުރަންތޯއެވެ! ގިނަ ޖަހަތަކުގައި ޓީވީއެއްހާ މިންވަރުވެސް ނެތްކަމަށް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ވިދާޅުވެފައި ވެއެވެ.
ރަށްރަށުގެ ޖަގަހަ ތަކުން ގުޅާ، ލައުޑް ސްޕީކަރެއް ކީއްކުރަންތޯ ކުޑަމިނުން ޕޯސްޓަރެއްހާ މިންވަރުވެސް ފޮނުވާދިނުމަށް އެދި. ލީޑަރޝިޕިން ބުނަނީ ފައިސާއެއް ނެތޭ. ޚަރަދު ކުރެވޭނެ ގޮތެއް ނެތޭ.
އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅަކު "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ! ޚަރަދު ކުރައްވާކަށް ބޭނުމެއް ނުވޭ!
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ "މިނިވަން ކެނޑިޑޭޓެއް" އިދިކޮޅު ޕީޕީއެމްއަށް ނެތްއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބަށް ޚަރަދު ކުރާނޭ ފައިސާއެއްވެސް އިދިކޮޅު ޕީޕީއެމްގައި (ޕާޓީގެ ބަޖެޓުގައި) ނެތެވެ. ޕާޓީއެ ލީޑަރޝިޕަށް ރިޔާސީ ކެމްޕޭނަށް ރަށްރަށަށް ދަތުރު ނުކުރެވި އޮތް މައިގަޑު ސަބަބަކީ އެއީ ކަމުގައި "ޚަބަރު އޮންލައިން"އާއި މައުލުމާތު ހިއްސާކުރި، އިދިކޮޅުގެ އިސް އެތައް ބޭފުޅުންނެއްވެސް "އޮފް ދަ ރެކޯޑުގައި" ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން އެންމެ ފުރަތަމަ އުފުލި ދައުވާއާއި ގުޅޭގޮތުން ފުލުހުންގެ މުވައްސަސާއިން ހިންގި ތަހުގީގަށްފަހު ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ވެރިކަން ނިމިގެން ދިޔައިރު، ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައި ހުއްޓެވެ.
އަދި ފުރަތަމަ ފުލުހުން ހިންގި ތަހުގީގަށްފަހު އެފައިސާ ކޯޓުގެ އަމުރަށް "ފްރީޒް" ކުރިނަމަވެސް، އިސްތިއުނާފްގެ މަރުހަލާތަކުން ފަހުންވަނީ އެފައިސާ "އަން ފްރީޒް" ކޮށްފައެވެ. އެހެންކަމުން، މިއީ ހަމަ ޔަގީނުންވެސް ޕާޓީއަށް ބޭނުން ކުރެވޭ ހާލަތުގައި ހުރި ފާއިސާކަން އެއީ ކަށަވަރުވެ ޔާގީންވާން އޮތް ކަމެކެވެ.
އެހެންނަމަވެސް، މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ވިދާޅުވާގޮތުގައި، ރައީސް ޔާމިންގެ އެކައުންޓުތަކުގައި ހުރި ފައިސާގެ ތެރެއިން މިއީ ހަމައެކަނި އެނގި ކަށަވަރުވާން ހުރި މިންވަރު އެކަންޏެވެ.
މައުލޫމާތު އެނގޭ ފަރާތްތަކުން ބުނަމުންދަނީ ރައީސް ޔާމިންގެ 8 އެކައުންޓެއްގައި ފައިސާ ހުރިކަމަށް. އަދި މި ފައިސާގެ އަދަދު ޖުމްލަ 200 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް އެ ބޭފުޅުން ވިދާޅުވޭ. އަދި މިއީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިބިފައި ހުރި ފައިސާ ކަމަށް ޚުދު ރައީސް ޔާމިންވެސް އެބަ ވިދާޅުވޭ. ދެން ކީއްވެތޯ މިފައިސާ ކެމްޕޭނަށް ޚަރަދު ނުކުރައްވައިގެން އުޅުއްވަނީ!
ހިނގަމުންދާ ޝަރީއަތްތަކުގައި، އަމިއްލަފުޅު އެކައުންޓުގައި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއަކީ ސިޔާސީ ހަރަކާތްތަކަށް ލިބިލެއްވި ފައިސާކަމަށް ޚުދު ރައީސް ޔާމިން ވިދާޅުވެ ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވަމުން، "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކެވި، އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުކު ވިދާޅުވިއެވެ.
ހަމައެއާއެކުވެސް، ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ހުރެމެ، އެހެންނަމަވެސް އެމަނިކްފާނުގެ ރިޔާސީ ކެމްޕޭނަށް ފައިސާ ހޯދުމަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މުއްސަދި މަހުޖަނުންގެ އަރިހަށް ވަޑައިގެންފައިވާކަމަށްވެސް "ޚަބަރު އޮންލައިން"އާ ވާހަކަދެއްކި، ޕީޕީއެމްގެ އިސް ބައެއް ފަރާތްކުން ވިދާޅުވެފައި ވެއެވެ.
އެބޭފުޅުން ވިދާޅުވަނީ ކެނޑިޑޭޓަކު ދެއްކުމަށް. ރައީސް ޔާމިން ޖަލުގައި އޮންނަވައިގެން، އެމަނިކުފާނަކީ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެބޭފުޅުން ގަބޫލެއް ނުކުރައްވާ. ވިދާޅުވަނީ ފައިސާގެ އެހީތެރިކަމަށް އެދެންވާނީ ކެނޑިޑޭޓަކު ދެއްކުމަށްފަހު ކަމަށް.
އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ކެމްޕޭނަށް ފައިސާ ހޯދުމަށް މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، "ޚަބަރު އޮންލައިން" އާއި ވާހަކަ ދެއްކެވި ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ކޮންމެއަކަސް، އިދިކޮޅު ޕީޕިއެމްގެ މިއަދުގެ ހާލަތަކީ އެޕާޓީން ރިޔާސި އިންތިޚާބަށް އަމާޒުކޮށް އެކަށިގެންވާ ކެމްޕޭންއެއް ކުރަމުން ނުދާތާގައި، އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، އެޕާޓީ އޮތީ ރިޔާސީ އިންތިޚާބަށް ޚަރަދުވެސް ކުރެވޭ ހާލަތެއްގައެއް ނޫނެވެ.
އެހެންނަވަމަވެސް ރިޔާސި އިންތިޚާބަށް ޚަރަދު ކުރެއްވޭވަރަށް ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓުތަކުގައި، "ސިޔާސީ ހަރަކާތްތަކަށް" ލިބިލެއްވި އެތައް ސަތޭކަ މިލިއަން ރުފިޔާ ހުރިކަން އެއީ ޕާޓީގެ އާންމު މެމްބަރުންވެސް މިއަދު ދަންނަ "ބޮޑު ސިއްރެއްގެ" ގޮތުގައި އޮތް ކަމެކެވެ.
އޭގެ ނަތީޖާއެއްގެ ގޮތުގައި ފައިސާ ނެތްކަމުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވާ ހަމަ ކޮންމެ ފަހަރަކުމެ، ޕާޓީގެ ބައެއް އެކްޓިވިސް މިއަދު އެފައިސާގެ ވާހަކައިން ސުވާލު ކުރެއެވެ. އަދި ރިޔާސީ ކެނޑިޑޭޓާ ނުލާ ގޭގެއަށް ޕާޓީގެ ޓީމުތަކުން ޒިޔާރަތް ކުރުމުން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ ފެންވަރުގެ ބޭފުޅުން ތިބެމެ، ޕާޓީން މިއަދު ހުސްއަތާ ކެމްޕޭން ކުރާންޖޭ ސަބަބަކީ ކޮބައިތޯވެސް ޕާޓީގެ އާންމު މެމްބަރުން ދަނީ ސުވާލު ކުރަމުންނެވެ.
އަދި ހަގީގަތަކީވެސް އެއީއެވެ. ކުރީގެ ރައީސް ޑރ. ވަހީދުމެންފަދަ، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުމެންފަދަ، އެޕާޓީއާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވޭނެ ވަރުގެ އެތަކެއް ބޭފުޅުންނެއް ޕާޓީގެ ލީޑަރޝިޕްގައި މިއަދު އެބަ ތިއްބެވިއެވެ. ފައިސާގެ ގޮތުންނާއި އަދި އެނޫން ގޮތްގޮތުން މުޅި ޕާޓީ ގޮތް ހުސްވެފައި ކަސްތޮޅެއްގައި އޮންނާވީ ސަބަބަކީ ކޮބައިތޯއެވެ!
One Response
ސަބަބަކީ ރައީސް ޔާމީނަށްވެސް އެއީ ޕާރޓީގެ ފައިސާ ނޫންކަން އެގެއެވެ. އެއީ ގައުމުގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ކަމިޝަނަށް ނަގައިފާހުރި ދައުލަތުގެ ފައިސާކަން އެގެއެވެ. އަދި އެފައިސާ ބޭނުންކުރަމުން އަންނަނީ އަމިއްލަ ބޭނުންތަކުގައަައި އެ ފައިސާއިން ގަނެފައި އޮތް ބިމުގައި ގަޑުވަރު ހެދުމަށެވެ. އެތަން އަދި ކޮންމެވެސް ދުވަހަކުން ދިވެހި ރައްޔިތުންނަށް ލިބޭނެއެވެ.