މިހާތަނަށް ދުނިޔޭގަ ހަދާ އެންމެ އުސް ޕްރިކާސްޓް ސެގްމަންޓު ހުންނާނީ ތިލަ މާލެ ބްރިޖުގެ ބައިތަކުގައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތައް 8.177 މީޓަރު އުސްވާނެ ކަމަށެވެ. އެހެންކަމުން ގުޅިފަޅުގައި ހަދަމުން އަންނަ ބްރިޖުގެ ބައިތައް ވާނީ ދުނިޔޭގަ މިހާތަނަށް ހަދާ އެންމެ އުސް ޕްރީ ކާސްޓް ސެގްމަންޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.
އެކުންފުނިން ވަނީ 2024 ވަނަ އަހަރު ބުރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ބުނެފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.
އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ