ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހީންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އޭގެ އިތުރުން، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާނޫނީގޮތުން އާންމުކޮށް ލިބުނީ 22 ޑިސެމްބަރު 1932ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ. ނަމަވެސް ގާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފަށާފައިވަނީ 1933ގައެވެ.
މި ގާނޫނާއެކު، އޭގެކުރިން ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައިނުވާ ރާއްޖޭގައި ނޫސްމަޖައްލާއެއް އުފައްދާ ފުޅާދާއިރާއެއްގައި އެމަަސައްކަތް ފަށައިގެންފައި ވަނީ 1933 ވަނަ އަހަރުއެވެ. އެއީ "އަލްއިސްލާހު"ގެ ނަމުގައި 1933 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހު ނެރެންފެށި ނޫސްމަޖައްލާއެކެވެ. ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ކަނޑައަޅާފައި ވަނީ މި މުނާސަބާއެވެ.
ކޮމެންޓު ފޮނުވާ