ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ދިވެހިން ރާއްޖެ އަންނަން ފަށައިފިއެވެ.
މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިންނެވެ. އެ ގްރޫޕް ރާއްޖެ އައީ މިއަދު ހެނދުނެވެ. ދެވަނަ ފްލައިޓް އައިސްފައިވަނީ މިއަދު މެންދުރެވެ. އެ ފްލައިޓުން ރާއްޖެ އައިސްފައިވަނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެކެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދިވެހި ޙައްޖުވެރިން ގޮވައިގެން އަންނަ 3 ވަނަ ފްލައިޓުން ޖުލައި 10 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.
ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން އައުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ޙައްޖުވެރިން ގޮވައިގެން އަންނަ 5 ވަނަ ފްލައިޓް ޖުލައި 12 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާއިރު، އެ ދުވަހުގެ ފްލައިޓުން ރާއްޖެ އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންނެވެ.
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިންގެ 2ވަނަ ގްރޫޕް ރާއްޖެއައުން.
މިއަދު ރާއްޖެއައި ޙައްޖުވެރިންގެ ދެވަނަ ފްލައިޓުން އައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިން.#ޙައްޖު1444#MVIaffairs#hajjmission pic.twitter.com/Bb0pg794m0— Ministry of Islamic Affairs (@MVIaffairs) July 7, 2023
ދިވެހި ޙައްޖުވެރިން ގޮވައިގެން ރާއްޖެ އަންނަ އެންމެފަހު ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެންމެފަހު ގްރޫޕެއްގެ ގޮތުގައި އެ ދުވަހު ރާއްޖެ އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ދިވެހި 4 ހާޖީއަކު ވަނީ ނިޔާވެފައެވެ. މިއަހަރަކީ ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތުދޭ މިންވަރަށް ފުރުޞަތު ދިން ފުރަތަމަ ފަހަރެވެ. އެގޮތުން 2 މިލިޔަން މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢުދީން މިއަހަރުވަނީ ދީފައެވެ.