ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފަައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް)ގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓަރ ޓެރަރިސްޓް ކްލޯސް ކުއަރޓަރ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މާރިޔާ ވަނީ، ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފައިވާކަމަށެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އާންމުވެފައިވާ ގޮންޖެހުމެއްކަމަށް ވިދާޅުވެ، މިނިސްޓަރ މާރިޔާ ވަނީ، މިގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ޤައުމުތަކުން، މިހާރަށްވުރެ ބޮޑަށް، އިންޓެލިޖަންސް ޙިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ ދިވެހިރާއްޖޭގެ އިޤްޠިޞާދާއި، ދިވެހިރާއްޖޭގެ ރަށްތަކުންނާއި ރައްޔިތުންގެ ފަރާތުން، ފަތުރުވެރިންނަށް އަބަދުވެސް ލިބޭ ލާމަސީލު މެހެމާންދާރީއާއި އުފަލާއި ހިތްހަމަޖެހުމާ ހުރި ގުޅުން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ޤައުމުގެ ރައްޔިތުންނަށް އަމާން، ޞުލްޙަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ބުރާސްފަތިދުވަހު ހަވީރު، ލ.ކައްދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަކަން މި ތަމްރީނު ޕްރޮގްރާމުން ރަމްޒުވާކަން ފާހަގަކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލަރ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިންގ ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ