"އިންޑިއާ އައުޓް" ހަރަކާތް ހިންގާނަމަ އެކީގައި މަސައްކަތް ކުރަން އުނދަގޫވާނެ: ޑިމޮކްރެޓްސް

"އިންޑިއާ އައުޓް" ހަރަކާތް ހިންގާނަމަ އެކީގައި މަސައްކަތް ކުރަން އުނދަގޫވާނެ: ޑިމޮކްރެޓްސް

ގުޅުންހުރި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހިންގާ ކަމުގައިވާނަމަ، އެކީގައި މަސައްކަތް ކުރަން ވަރަށް އުދަނގޫވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ހަސަން ވިދާޅުވީ އެއްވެސް ޤައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަ ޑިމޮކްރެޓްސްއިން ނޭދޭކަމަށެވެ. ނަމަވެސް ޕީޕީއެމްއަކީ އެފަދަ ހަރަކާތްތައް ހިންގާ ޕާޓީއެއްކަމަށާއި، އެހެންކަމުން އެ ހަރަކާތްތައް ހުއްޓާލުމަށް އެޕާޓީގައި އެދޭނެކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

އެކަހަލަ ކަމެއް ހިންގާ ޕާޓީއެއް ޕީޕީއެމްއަކީ. އިންޑިއާ އައުޓް ހަރަކާތް. އެހެން ނަމަވެސް އެކަން އެއްކޮށް ހުއްޓާލެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް.

– ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫ އަރާފަދަ ހަރަކާތްތަކަށްވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން ތާޢީދު ނުކުރާނެކަމަށެވެ. އޭނާ ވިދާޅުވި ހުރިހާ ސިޔާސީ ޕާޓިތަކާއެކުވެސް ގުޅިގެން މަސައްކަތްކުރާނެކަމަށާއި، ނަމަވެސް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ބަޔަކާއެކު މަސައްކަތް ނުކުރާނެކަމަށެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވިއިރު، "ދަ ޑިމޮކްރެޓްސް" އިން ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް މަޝްވަރާކުރަމުން އަންނަ އިދިކޮޅު ޕީޕީއެމް އިން އަންނަނީ އިންޑިއާއާއި ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އެކަމާއި ގުޅިގެން ސަރުކާރުންވަނީ ރާއްޖެއާއި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެފަދަ ދަށުދަރަޖައިގެ ޢަމަލުތަކުން ދުރުހެލިވެ، ޒިންމާދާރުކަމާއެކު ސިޔާސީ މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އިންޑިއަ އައުޓް ހަރަކާރަކީ އިދިކޮޅު ޕީޕީއެމްއިން ހިންގާ ހަރަކާތެކެވެ. މިހަރަކާތުގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް، ޕީއެންސީ ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރި ނުވެއެވެ. އަދި އެއެވެސް ޕާޓީއަކުން މިހަރަކާތަށް ތާއީދުވެސް ނުކުރެއެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި އަދި އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަނީ ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ