ޕީޕީއެމްގެ އަމާޒު ގެއްލި، ޔާމިން މިނިވަން ކުރުމަށްވުރެ ސިޔާސީ އެހެން މަޝްވަރާތައް މުހިންމު ވީތަ؟

ޕީޕީއެމްގެ އަމާޒު ގެއްލި، ޔާމިން މިނިވަން ކުރުމަށްވުރެ ސިޔާސީ އެހެން މަޝްވަރާތައް މުހިންމު ވީތަ؟

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ ދޮޅުމަހަށް ވެފައިވާއިރު، އިދިކޮޅު ޕީޕީއެމް ފާހަވެގެން ގޮސްފައިވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިޔާސީ ޓިކެޓް ހަވާލުކޮށް އަދި ރިޔާސީ ކެމްޕޭންވެސް ލޯންޗުކުރި ޕާޓީގެ ގޮތުގައެވެ.

އެގޮތުން ޕީޕީއެމްއިން އެޕާޓީގެ ރިޔާސީ ޓިކެޓް ފާއިތުވި އަހަރުގެ ޖުލައިމަހު ޕާޓީގެ ލީޑަރ، އަދި ކުރީގެ ރައީސް ޔާމިންއާއި ވަނީ ހަވާލު ކޮށްފައެވެ. އެއާއެކު އެޕާޓީވެގެން ދިޔައީ އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށި ޕާޓީއަށްވެސް މެއެވެ.

އެހެންނަމަވެސް، ރިޔާސީ ކެމްޕޭންގެ ދަތުރުތަކުގައި ރައީސް ޔާމިނަށް ވަޑައިގެންނެވޭވަރުވީ މަދު ރަށްތަކަކަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ކޮރަޕްޝަންގެ ކުށް ސާބިތުވެ، އެއަހަރުގެ ޑިސެމްބަރުމަސް ނިމިގެން ދިޔައިރު ރައީސް ޔާމިނަށް އޮންނަވަން ޖެހިވަޑައިގެންނެވީ ޖަލުގައެވެ. އެހާތަނުން އިދިކޮޅު ޕާޓީގެ މިސްރާބު ބަދަލުވެގެން ދިޔައީ ރައީސް ޔާމިން މިނިވަން ކުރުމަށް ކުރާން ހުރި ބުރަ މަސައްކަތާއި ދިމާލަށެވެ.

އަދި އެޕާޓީގެ ހުރިހާ ގުނަންވަންތަކެއްގެވެސް އެންމެ އިސްވާޖިބަކަށް ހަދާފައިވަނީ ޕާޓީގެ ރައީސް މިނިވަން ކުރުމަށް ކުރާންހުރި މަސައްކަތްތަކެވެ. ޕާޓީގެ ސެނެޓުގެ ނިންމުމަކަށްވެސް ވެގެން ދިޔައީ، ރައީސް ޔާމިން މިނިވަންކުރުމަށް ކުރާންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ އިޚްތިޔާރު، ސެނެޓްގެ އިތުރު މަޝްވަރާއަކާ ނުލާ ކުރިޔަށް ގެންދިއުމުގެ ބާރު ޕާޓީގެ ލީޑަރޝިޕާއި ހަވާލު ކުރުމެވެ.

ޕީޕީއެމް ހިމެނިގެން ދިޔައީ އެންމެ ފުރަތަމަ ރިޔާސީ ޓިކެޓް ހަވާލުކުރި ޕާޓީ ކަމުގައި

އެއަށްފަހު ފާއިތުވީ 6 މަހެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން މަގުމަތީގައާއި އަދި އެނޫން ޕްލެޓްފޯމްތަކުގައިވެސް ކުރިޔަށް ގެންގޮސްފައިވާ އެންމެ މުހިންމު ހަރަކާތަކަށް ވެގެންދިޔައީ ރައީސް ޔާމިން މިނިވަންކުރުމަށްޓަކާ އެކި ގޮތްގޮތުން ކުރާންހުރި މަސައްކަތްތަކެވެ. އިންސާފު ހޯދުމަށް ވަކާލާތު ކުރުމެވެ. މަގުމަތީގެ އިހުތިޖާޖުތަކާއި، އެކިއެކި ފޯރަމްތަކުގައި އެކަމަށް ވަކާލާތުކޮށް އަޑު އުފުލުމެވެ.

އެހެންނަމަވެސް، އެއް މިސްރާބަކަށް އެމަގުން އިދިކޮޅު ޕީޕީއެމް ދަތުރު ކޮށްފައިވާކަމަށް މިއަދު ބެލެވެން އޮތީ ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ ވުޖޫދު ވުމާއި ހަމައަށެވެ. ނަޝީދު އެމްޑީޕީން ވަކިވެ، ސިޔާސީ ބައިވެރިޔަކު ހޯއްދެވުމަށް މަސައްކަތް ފެއްޓެވުމާއި ހަމައަށެވެ.

 

އަމާޒު ގެއްލި، ރައީސް ޔާމިން މިނިވަން ކުރުމަށްވުރެ ސިިޔާސީ އެހެން މަޝްވަރާތައް މުހިންމު ވެއްޖެ!

ނިމިގެންދާ ރައީސް ސާލިހުގެ ވެރިކަމުގެ މުޅި ދައުރުގައިވެސް އިދިކޮޅު ޕީޕީއެމްގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އެޕާޓީން ކަނޑައަޅާފައިވާ އަމާޒަކީ ރައީސް ޔާމިން މިނިވަން ކުރުމަށް ކުރާންހުރި މަސައްކަތަތަކެވެ. އެމަސައްކަތް މެދު ނުކެޑި ކުރަމުން ދިއުމެވެ. ޕާޓީގެ ސެނެޓްގެ ނިންމުންވެސް އޮތީ އެބީދައިންނެވެ. ޕާޓީގެ ލީޑަރޝިޕުންވެސް ކުރާންޖެހޭ އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތަކެވެ.

އެހެންނަމަވެސް، ރައީސް ޔާމިން މިނިވަން ކުރުމަށް ކުރަމުން އައި މަސައްކަތަކީ އިދިކޮޅު ޕީޕީއެމްގެ އެންމެ އިސްވާޖިބެއްގެ ގޮތުގައި އޮވެމެ، އަމަގުން ޕާޓީގެ ލީޑަރޝިޕް ދަތުރުކޮށްފައިވަނީ، "ދަ ޑިމޮކްރެޓްސް"އާއި ޕީޕީގެ ލީޑަރޝިޕްގެ އިސް ދެ ބޭފުޅަކާ ދެމެދު މިހާރު ކުރިޔަށްދާ ސިޔާސީ މަޝްވަރާތައް ފެށުމާ ހަމަޔަށްކަމުގައި ދަންނަވާން ޖެހެއެވެ.

އޭގެ އެއް ސަބަބަކީ، އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އިސްވެ، "ދަ ޑިމޮކްރެޓްސް"އާއެކު ކުރިޔަށް ގެންދަވާ މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ ވާހަކަތަކަށްފަހު، މަޝްވަރާތަކުގެ އެންމެ މުހިންމު އަމާޒަކީ ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރެވޭނެ މަގެއް ހޯދުންކަމަށް ދެފަރާތުންވެސް އިއުލާން ކޮށްފައި ވާތީއެވެ.

އެބޭފުޅުން ވާހަކަފުޅުތައް ތަރުޖަމާކުރުމުން މޭރުންވާން އޮތް ކަމަކީ، އެ މަޝްވަރާތަކުގެ މަގުސަދަކީ ރައީސް ޔާމިން މިނިވަން ކުރުމެއް ނޫންކަމެވެ. އަމާޒަކީ ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރުމަށް ކުރާން ހުރި މަސައްކަތްތައް ކުރުމެވެ. އެހާތަނުން ފެންނާން އޮތް ނަތީޖާއަކީ، ރައީސް ޔާމިން ނޫން އެހެން ހައްލެއްވެސް އިދިކޮޅު ޕީޕީއެމްއަށް ވަރިހަމަ ވެގެން ދިއުމެވެ. ޕާޓީގެ އެންމެ އިސް ވާޖިބަކީ ރައީސް ޔާމިން މިނިވަން ކުރުން ކަމުގައި ސެނެޓުން ނިންމާފަ އޮތް ނިންމުންވެސް ބަދަލުވެ، ރައީސް ޔާމިން މިނިވަން ކުރުމަށް އުފުލޭ އަޑުތައް ފަނޑުވީއެވެ.

ރައީސް ޔާމިން ޖަލަށް ލުމާއި ހަމައިން, ޕާޓީގެ ސެނެޓުން ނިންމާފައިވަނީ ޕާޓީން ކުރާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމިން މިނިވަންކުރުމުގެ މަސައްކަތް ކަމުގައި ވާންޖެހޭނެ ކަމަށް

ރައީސް ޔާމިން ނޫން ފަރާތެއް އިދިކޮޅު ޕީޕީއެމް އިން ނިކުންނާން ޖެހިފައިވާކަން ގަބޫލު ކުރެވެން ފެށީއެވެ. އެނޫން ހައްލެއް އިދިކޮޅަށް ހޯދާން ޖެހިފައިވާކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވެންވެސް ފެށީއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ރައީސް ޔާމިން ޖަލުގައި އޮންނެވުންވެސް ވަރިހަމަ ވީއެވެ.

ޕާޓީގެ ސެނެޓްގެ ނިންމުމުގައި، ރައީސް ޔާމިން މިނިވަން ކުރުން ނޫން އެހެން މަސައްކަތަކަށް ޕާޓީގެ ލީޑަރޝިޕުން އިސްކަން ދީގެން ނުވާނެކަމަށް އޮތްނަމަވެސް، ރައީސް ޔާމިން ނޫން ކެނޑިޑޭޓަކު ނެރެގެން މެނުވީ ރައީސް ސާލިހު ބަލި ނުކުރެވޭނެކަމަށް ގިނަބަޔަކަށް ވިސްނާދީ އެމަސައްކަތް ކާމިޔާބުވެސް ވާން ފެށީއެވެ. ސެނެޓްގެ ނިންމުން ބޮލާލާ ޖަހާ، ލީޑަރޝިޕްގެ އެންމެ އިސް ވާޖިބަކީ، ރައީސް ޔާމިން ނޫން ކެނޑިޑޭޓަކު އިދިކޮޅު ނެރުންކަމުގައި އެންމެނަށް އެއްބަސް ވެވުނީއެވެ.

ހަމައެއާއެކު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އޮންލައިން ނޫހެއް ކަމަށްވާ "އޯޝަންވީކްލީ"އިން، ރައީސް ޔާމިން ނޫން ކެނޑިޑޭޓަކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރެންޖެހޭކަމަށް މޭރުންކޮށް ރިޕޯޓު އާންމުކޮށް، އެވިސްނުން ޕްރޮމޯޓް ކުރާން ފަށާފައިވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

ސިޔާސީ މަޝްވަރާގެ އަމާޒަކީ، ޕީޕީއެމް މިހާރު އޮތް މަރުތަޅުން މިންޖު ކުރުންތަ؟

އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ސެނެޓުން ފާސްކޮށްފައި އޮތް ހަމައެކަނި ނިންމުމަކީ، ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ލީޑަރޝިޕާއި ހަވާލު ކުރުމެވެ. އަދި އެކަމަށްޓަކާ ކުރާންހުރި މަސައްކަތްތައް، ސެނެޓްގެ އިތުރު މަޝްވަރާއަކާ ނުލާ ކުރުމުގެ އިޚްތިޔާރާއި ބާރު ސެނެޓުން ވަނީ ލީޑަރޝިޕަށް އަރުވާފައެވެ.

އެނޫން ސިޔާސީ މަޝްވަރާއެއް ކުރުމުގެ އިޚްތިޔާރެއް، އަދި ވަކީން ޚާއްސަކޮށް ރައީސް ޔާމިން ނޫން ފަރާތެއް އިދިކޮޅުން ނެރުމުގެ ވިސްނުން އިސްކޮށް، އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެމަގުން މަޝްވަރާ ކުރުމުގެ އެއްވެސް އިޚްތިޔާރެއް ސެނެޓުން ޕާޓީގެ ލީޑަރޝިޕާއި ހަވާލު ކޮށްފައެއް ނޯންނާނެކަމަށް ޚުދު ސެނެޓްގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީޕިއެމްގެ އިސް ދެބޭފުޅަކު ދަ ޑިމޮކްރެޓްސްއާއެކު ކުރިޔަށް ގެންދާ މަޝްވަރާތަކާމެދު އެޕާޓީގެ ގިނަބަޔަކު ދެކެމުންދަނީ ޝައްކުގެ ނަޒަރަކުން

އިދިކޮޅު ޕީޕީއެމް އިސް ދެ ބޭފުޅުން ކަމުގައިވާ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ޑިމޮކްރެޓްސް ޕާޓީއާއެކު ކުރިޔަށް ގެންދާ ސިޔާސީ މަޝްވަރާތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކުންވެސް ސާފުވާން އޮތް ހަގީގަތަކީވެސް މިއީއެވެ. މިމަޝްވަރާތަކަށް ޕާޓީގެ ސެނެޓް ރުހުން ނެތްކަމެވެ.

އަދި އަމުދުން ޕާޓީގެ އެޑްވައިޒަރުންވެސް ބާކީކޮށް، "ރައީސް ޔާމިން ވިދާޅުވި" ކަމަށް ބުނެ، އެހެންނަމަވެސް ރައީސް ޔާމިން މިނިވަން ކުރުން ނޫން އެހެން އެޖެންޑާއެއް ކުރިޔަށް ނެރެ، ކުރިޔަށްދާ މި ސިޔާސީ މަޝްވަރާކާމެދު ހަގީގަތުގައިވެސް ޕީޕީއެމްގެ މެމްބަރުން ދެކެމުންދަނީ ޝައްކުގެ ނަޒަރަކުންނެވެ.

އަދި އެއީ ރައީސް ޔާމިން ނޫން ހައްލެއް އިދިކޮޅުން ހޯދާ، ޕީޕީއެމް މިހާރު އޮތް މަރުތަޅުން މިންޖުކުރުމަށް އެޕާޓީގެ ލީޑަރޝިޕުން ކުރަމުންދާ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައިވެސް މި މަޝްވަރާތައް ބައެއް ފަރާތްތަކުން ދަނީ ތަރުޖަމާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މަކަރުވެރިއެއްގެދަލުގައިޖެހުމުންސިޔާމާިތޮމްބަނދެލައިފިކީހައިޅެންފަރިއްސަށްވެއްޖެނަޝީދުހުދުކަރުދާހަށްވެއްޖެވާނީވެސްއެހެންއިބުލީސްގެބަހަށްނުހެއްލުނުމީހާއިންސާނާގެބަހައްހެއްލޭނެމިހާރަކުސިއްދީޤުމެންގެބަހެއްނުވިކުނުދެންވާނީވެސްއެހެން

Leave a Reply

Your email address will not be published. Required fields are marked *