ސްޕޯޓްސް ކައުންސިލާއި، ކަމިޝަނަރ އޮފް ސްޕޯޓްސްގެ މަސައްކަތް ހުއްޓުމަކަށް!

ސްޕޯޓްސް ކައުންސިލާއި، ކަމިޝަނަރ އޮފް ސްޕޯޓްސްގެ މަސައްކަތް ހުއްޓުމަކަށް!

ނެޝަނަލް ސްޕޯޓްސް ކައުންސިލާއި، ކަމިޝަނަރ އޮފް ސްޕޯޓްސްގެ ޤާނޫނީ މުއްދަތު ހަމަވެ، ބޭފުޅުން އައްޔަން ނުކުރުމުން މަސައްކަތްތައް ހުއްޓުމަކަށް އައިސްފިއެވެ.

ކުޅިވަރު ގާނޫނުގެ ތެރެއިން ކުޅިވަރު ޖަމިއްޔާތަކުގެ ކަންކަން ބެލެހެއްޓުުމުގެ ޒިންމާ ތަކުގެ ބަލަދުވެރި ފަރާތަކީ، ކަމިޝަނަރ އޮފް ސްޕޯޓްސްއެވެ. ޖަމިއްޔާތަކުގެ ކަންކަން ބެލެހެއްޓުުމުގެ ޒިންމާއާ އެންމެ ފަހުން ހަވާލުވެ ހުންނެވި، ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ)ގެ ދައުރު ހަމަވީ މޭމަހުގެ 22 ވަނަ ދުވަހުއެވެ.

މި ވަގުތު ސްޕޯޓްސް ކޮޮމިޝަނަރެއްގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސާ އަލްއުސްތާޒާ އައިޝަތު ސަމާއެވެ. ނަމަވެސް މިހާރު ސްޕޯޓްސް ކައުންސިލްގެ 4 އަހަރަށް އައްޔަން ކުރެއްވި ކައުންސިލްގެ މުއްދަތު ހަމަވެ އެކައުންސިލްވެސް ވަނީ ޤާނޫނީ ހުސްކަމަކަށް ގޮސްފައެވެ.

ސްޕޯޓްސް ކައުންސިލްއަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. 5 މެންބަރުން އައްޔަން ކުރާނީ ޔޫތް މިނިސްޓަރެވެ. އެއީ ޤާނޫނީ ވަކީލަކާއި ދެ އަންހެން މެންބަރުންނާއި ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ތިބޭނީ އޮލިމްޕިކް ކުޅިވަރުތަށް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އޮލިމްޕިކް ނޫން ކުޅިވަރުތައް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އެޑިޢުކޭޝަން މިނިސްޓަރ އައްޔަން ކުރައްވާ މެންބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާ މެންބަރެކެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ޔޫތް މިނިސްޓަރަށް މަޝްވަރާއާއި ލަފާ ދިނުމެވެ.

ކުޅިވަރު އެސޯސިއޭޝަންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމަށް އެކުލަވާލައިވާ ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. ކުޅިވަރުގެ މުހިންމު ދެ ގުނަންގެ މުއްދަތު ހަމަވެ ޤާނޫނީ ހުސްކަމަކަށް ދިޔައިރު، ކުޅިވަރު ވަޒީރުގެ މަބޮޑު ހާސްކަމެއް ނެތެވެ. އަދި އެތަންތަނަށް ބޭފުޅުން އައްޔަން ކުރެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައެވެ.

މިއީ ކުޅިވަރު ޤާނޫނުގެ ދަށުން އުފެދުނު ސްޕޯޓްސް ކައުންސިލާއި، ކަމިޝަނަރ އޮފް ސްޕޯޓްސް ހުސްކަމަކަށްދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *