ސެނެޓަރުންގެ ޝަކުވާ: ޝިޔާމްއާއި ޓޮމް މަޝްވަރާއަށް ދިޔައީ ސެނެޓްގެ ރުހުން ނެތި، އެޑްވައިޒަރުންގެ މަޝްވަރާއާ ނުލާ!

ސެނެޓަރުންގެ ޝަކުވާ: ޝިޔާމްއާއި ޓޮމް މަޝްވަރާއަށް ދިޔައީ ސެނެޓްގެ ރުހުން ނެތި، އެޑްވައިޒަރުންގެ މަޝްވަރާއާ ނުލާ!

Author
ހުސެއިން
01 ޖުލައި 2023 11:56
0

އިދިކޮޅު ޕީޕީއެމްގެ އިސް ދެބޭފުޅުން ކަމުގައިވާ، އެޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރުން އަހުމަދު ޡާރިގް، ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާއަށް ދިޔައީ އެޕާޓީގެ ސެނެޓުގެ ރުހުން ނެތި، އަދި އެޑްވައިޒަރުންގެ މަޝްވަރާއާވެސް ނުލާކަަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ނުރުހުން ފާޅު ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން މިކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕުގައެވެ.

ޕީޕީއެމްގެ ސެނެޓްގެ މަޝްވަރާއާއި ނުލާ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އިސްވެސް، ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ފާއިތުވެދިޔަ ހަފްތާގައި ސިޔާސީ މަޝްވަރާތައް ފަށާފައި ވަނިކޮށް، މިއަދު ދެޕާޓީގެ ސެނެޓްގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ޕީޕީއެމްގެ ސެނެޓްގެ މެމްބަރު އަދި ޕާޓީގެ އިސް އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ސިއްދީގު ވިދާޅުވެފައިވަނީ ޕާޓީގެ ސެނެޓުން ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމަށާއި، އެހެންނަމަވެސް ޕާޓީގެ ސެނެޓަކީ ނެތް އެއްޗެއްކަމަށް ހަދައިގެން ނުވާނެ ކަމުގައެވެ.

ޕާޓީގެ ސެނެޓުން ޕާޓީގެ ލީޑަރޝިޕަށް އިޚްތިޔާރުތަކެއް ދިން ކަމުގައިވިޔަސް ޕާޓީގެ ސެނެޓް އެއީ ނެތް އެޗެއްކަމަށް ހަދައިގެން ނުވާނެ. ލީޑަރޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވަން ވާނެކަމަށް ދެކެން. އަދި ޕާޓީގެ އާންމު މަސްލަހަތާއި ގުޅިފައިވާ ބޮޑެތި ނިންމުންތަކުގައި ސެނެޓާއި މަޝްވަރާވެސް ކުރުން މުހިންމު. އެއީ ކަންކަން ކާމިޔާބު ކުރުމަށާއި، މަސްލަހަތު އެކަމުގައި އޮތްގޮތް ކަމުގައި ދެކޭތީ މިވާހަކަ ހިއްސާ ކޮށްލީ. މި ޚިޔާލާމެދު ރަނގަޅު ނަޒަރަކުން ވިސްނުމަށް ހުރިހާ ބޭފުޅުންގެ އަރިހުން އެދެނެ.

ޝިޔާމްއާއި ޓޮމް އިސްވެ ތިއްބަވައިގެން ޑިމޮކްރެޓްސް ޕާޓީއާއެކު ބާއްވަމުންދާ މަޝްވަރާތަކާމެދު ނުރުހުން ފާޅުކުރަމުން ވަޓްސްއަޕް ގުރޫޕުގައި ސިއްދީގު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަފްތާގައި، ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއާއެކު ޝިޔާމްއާ ޓޮމް ބޭއްވި މި މަޝްވަރާތައް ބާއްވާފައި ވަނީ ރައީސް ޔާމިންގެ އެޑްވައިޒަރުންގެ އެއްވެސް މަޝްވަރާއަކާ ނުލާކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުންވެސް ބައެއް ސެނެޓަރުން ފާހަގަ ކޮށްފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރުން އަދި ސެނެޓަރއެއް ކަމަށްވާ ޖަމީން އުސްމާނު ވިދާޅުވެފައިވަނީ ރައީސް ޔާމިން އައްޔަން ކުރައްވާފައިވާ 3 އެޑްވައިޒަރުންގެ ލަފައާއި މަޝްވަރާ މިފަދަ މުހިންމު ކަންކަމުގައި ހޯދުން މުހިންމު ކަމުގައެވެ.

އަދި ހަމައެއާއެކު ރައީސް އައްޔަން ކުރައްވާފައި ތިއްބެވި 3 އެޑްވައިޒަރުންގެ ލަފައާއި އިރުޝާދުވެސް މިކަހަލަ މުހިންމު ކަންތަކުގައި ލީޑަރޝިޕްއާއި ކައުންސިލުން ހޯދުން މުހިންމު ކަމުގައި ދެކެން!

ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޑިމޮކްރެޓްސް ޕާޓީއާއެކީ ސިޔާސީ މަޝްވަރާތަކަށް ދިޔައީ، ޕީޕީއެމްގެ އެޑްވައިޒަރުންގެ މަޝްވަރާއަކާ ނުލާކަމަށް މޭރުން ކުރައްވަމުން، އަދި ސިއްދީގުގެ މެސެޖަށް ރައްދު ދެއްވާ ޖަމީލް އުސްމާނު ވަޓްސްއަޕް ގުރޫޕުގައި ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު، ޕީޕީއެމްއިން ވާދަވެރި ޕާޓީތަކާއެކު ސިޔާސީ މަޝްވަރާއަށް ދިޔައީ ސެނެޓްގެ ރުހުން ނެތިކަމަށް ވިދާޅުވެ، ސިއްދީގު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، އެ ޕާޓީގެ ސެނެޓްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ޕީޕީއެމްގެ ސެނެޓެއް މިހާރު އޮތްތޯވެސް ސުވާލު އުފައްދަވާފައެވެ.

މިގޮތުން، އިދިކޮޅު ޕީޕީއެމްގެ ސެނެޓަކީ މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރަމުން ނުދާ ގުނަވަނެއްކަމަށް މޭރުން ކުރައްވަމުން މުހައްމަދު އިސްމާއިލް ސުވާލު ކުރައްވާފައިވަނީ، ސެނެޓްގެ ބޭނުމަކީ ހަމައެކަނި މަޝްވަރާ އެހުންތޯ އެވެ.

ޕާޓީގެ ސެނެޓް އެބައޮތްބާ؟ ލަފާ އަހަން އެކަނިބާ ސެނެޓް އެއްކުރަން ޖެހެނީ، ނުވަތަ އެއްވާން ޖެހެނީ.

އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ދައުރެއް ޕާޓީގެ އެއްވެސް ކަމެއްގައި މިހާރު ނެތްކަމަށް ފާހަގަ ކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެއެވެ.

އިިދިކޮޅު ޕީޕީއެމްގެ އިސް ދެ ބޭފުޅަކު، ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ފަށާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި މިމަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުންތަކަށްފަހު ދެ ޕާޓީންވެސް ބުނެފައިވަނީ އަމާޒަކީ ރައީސް ސާލިހު ބަލިކުރެވޭނެ ގޮތެއް ހޯދުން ކަމުގައެވެ.

އެހެންނަމަވެސް އެ ގޮތަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމިން ނެރުންކަމަށް ދެފަރާތަށް އެއްބަސް ވެވޭކަމަށް ދެފަރާތުންވެސް ބުނެފައެއް ނުވެއެވެ. އަދި މަޝްވަރާތަކުގައި ޕީޕީއެމްގެ ޕީޖީގެ އެންމެ ދެމެންބަރުން ބައިވެރިވެފައިވާއިރު، އެހެން ބޭފުޅުން މިމަޝްވަރާތަކަށް ތާއީދުކޮށް ވާހަކަވެސް ދައްކަވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

 

ޝިޔާމްއާއި ޓޮމް ޑިމޮކްރެޓްސްއާއި މަޝްވަރާއަށް ދިޔައީ އަމިއްލަ މަސްލަހަތުގަ ކަމުގެ ތުހުމަތު!

ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ވާދަވެރި ޕާޓީތަކާއެކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ސިޔާސީ މަޝްވަރާއަށް ވަޑައިގެންނެވީ ސެނެޓްގެ ބަހެއް ނެތިއެވެ. އަދި ކުޑަމިނުން، މިހާރު ކުރިަޔަށްދާ ސިޔާސީ މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ޢެޑްވައިޒަރުންނާވެސް، މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.

އިދިކޮޅު ޕީޕީއެމްގެ އިސްބައެއް ބޭފުޅުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ރައީސް ޔާމިން މިނިވަން ކުރުން ނޫން އެހެން އެއްވެސް ސިޔާސީ މަސައްކަތަކާއި ގުޅޭގޮތުން ވާދަވެރި ޕާޓީތަކާއެކީ މަޝްވަރާކުރުމަށް ސެނެޓުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

އެހެންކަމުން "ބީޗް ހެދުމުގައި، ނުވަތަ ސަފާރީ ހެދުމުގައި" ޝިޔާމްއާއި ޓޮމް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތަކަށް ދިޔައީ ދެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށްވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި "ރައީސް ޔާމިން ވިދާޅުވިކަމަށް ބުނެ" މި މަޝްވަރާތައް، ދެބޭފުޅުން ކުރިޔަށް ގެންދަވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށްވެސް އެބޭފުޅުން ތުހުމަތު ކުރައްވައެވެ.

ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޕީޕީއެމްއިން ދަ ޑިމޮކްރެޓްސްއާއި މަޝްވަރާތަކަށް ދިޔައީ ސެނެޓްގެ ބަހެއް ނެތި

އޭގެ ހެއްކެއްގެ ގޮތުގައި ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ފާހަގަ ކުރައްވަނީ، ރައީސް ޔާމިން ނޫން ކެނޑިޑޭޓަކު އިދިކޮޅުން ނެރެންޖެހޭކަމަށް މޭރުންކޮށް، ކުރީގެ ރައީސް ނަޝީދު ހިންގަވާ އޮންލައިން ނޫހެއްކަމަށްވާ "އޯޝަންވީކްލީ" އިން މިހަފްތާގައި ޝާއިއުކުރި ލިޔުމެވެ. އޭގެ ބޭނުމަކީ، ނަޝީދުގެ ތާއީދާއެކީ ރައީސް ޔާމިން ނޫން ބޭފުޅަކު އިދިކޮޅު ޕީޕީއެމްއިން ނެރުމުގެ ވިސްނުން ޕްރޮމޯޓުކޮށް އެމަގަށް މަގުފަހި ކުރުންކަމަށްވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެެއް ބޭފުޅުން ތުހުމަތު ކުރެއެވެ.

މިގޮތުން ނަޝީދުއާއި ބައިއަތު ހިފައިގެން، ޝިޔާމްއާއި ޓޮމް މަސައްކަތް ކުރައްވަނީ އިދިކޮޅުގެ ރިޔާސީ ޓިކެޓް ޝިޔާމްއަށް ކަށަވަރު ކުރުމަށް ކަމަށްވެސް އިދކޮޅުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.