މީގެ 100 އަހަރު ކުރިން އަޑިއަށް ގޮސްފައިވާ، މަޝްހޫރު ޓައިޓޭނިކް އާގު ބޯޓު ބެލުމަށް ކަނޑު އަޑިއަށް ދަތުރު ކުރަނިކޮށް، ކަނޑުއަޑީގެ ޕްރެޝަރަށް އޮބި ނޯވެގެން ފިތިގެން، ގޮވި ސަބްމެރިންގެ ބައިތަށް ކަނޑުގެ އަޑިން ނަގައިފިއެވެ. މި ސަބްމެރިންގެ ބައިތަށް ކަނޑުގެ އަޑިން ނެގިއިރު އޭގެތެރޭގައި ތިބި މީހުންގެ ހަށިގަނޑުގެ ބައެއް ބައިތައްވެސް ފެނިފައިވާކަމަށްވެސް ރިކަވަރީ އޮޕަރޭޝަން ކުރިޔަށް ގެންދިޔަ ފަރާތްތަކުން ބުނެފައި ވެއެވެ.
މި ސަބްމެރިންގައި ދަތުރު ކުރަމުންދިޔަ 5 މީހުންނާއެކު، ސަބްމެރިން ގެއްލިގެން ހޯދަން ފެށިތާ 4 ދުވަސް ފަހުން، އެމެރިކާގެ ކޯސްޓުގާޑުން ބުނެފައިވަނީ، ޓައިޓޭނިކް އޮތް ސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް ސަބްމެރިންގެ ސްޓްރަކްޗަރ ފެއިލްވެ، ސަބްމެރިން ފަޅައިގެން ގޮސް، އޭގައި ދަތުރު ކުރަމުންދިޔަ 5 މީހުންވެސް މަރުވެފައިވާކަން ޔަގީން ކުރެވިފައިވާ ކަމުގައެވެ.
އެމެރިކާގެ ކޯސްޓުގާޑުން ބުނެފައިވަނީ ކަނޑުގެ އަޑިން ނަގާފައިވާ ސަބްމެރިންގެ ބައިތަކާއި އަދި މީހުންގެ ހަށިގަޑުގެ ބައިތައްވެސް ދެން ގެންދެވޭނީ ނޯތު އެޓްލާންޓިކުން އެމެރިކާގެ ޕޯޓަށް ކަމަށެވެ. އަދި އެއަށްފަހު މި ބައިތަކުގެ ރަސްމީ އެނަލިސިސްއެއް ސިއްޙީ ތަޖުރިބާކާރުން ހަދާނެކަމަށްވެސް ކޯސްޓު ގާޑުން ބުނެފައި ވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ގާނޫނީ އަދި މިފަދަ ކާރިސާތަކުގެ ފުރިހަމަ މައުލޫމާތު ހުރި، ތަހުގީގުކުރާ ފަރާތްތަކުގެ ބެލުމުގެ ދަށަށް މިބައިތައް ގެންދެވޭނެ. މިފަދަ ހާދިސާތައް މުސްތަގުބަލުގައި ހިނގައިދިޔަ ނުދިނުމަށާއި، އަދި މި ކާރިސާ ހިނގާން މެދުވެރިވި ހަގިގީ ސަބަބު ދެނެގަތުމަށްޓަކާ ކުރާންހުރި މަސައްކަތްތައް ވަރަށެވެސް ގިނަ."
އެމެރިކާގެ މެރިން ބޯޑު އޮފް އިންވެސްޓިގޭޝަންގެ ޗެއަރ ކެޕްޓަން ޖޭސަން ނިއުބޯރ ވިދާޅުވިއެވެ.
ކަނޑު އަޑީގައި ވަނިކޮށް ފަޅައިގެން ގޮސް ގޮވި މި ސަބްމެރިންގެ ބައިތަށް ފެނުންމައްޗަށް ނަގާފައި މިވަނީ ސަބްމެރިންގެ ބައިތައް ކަނޑުގެ އަޑީގައިވަނިކޮށް، ރެސްކިއު އޮޕަރޭޝަން ހިންގި ފަރާތްތަކަށް ފެނުނުތާ ހަފްތާއެއް ފަހުންނެވެ.

އެމެރިކާގެ ކޯސްޓްގާޑުން ކުރިން މައުލޫމާތު ދީފައިވާގޮތުގައި ސަބްމެރިންގެ ބައިތަށް ފެނުނީ، ކަނޑުއަޑިން 12،000 ފޫޓު އަޑީގައި އޮތް ޓައިޓޭނިކްއާއި 1،600 ވަރަކަށް ފޫޓު ދުރުންނެވެ. އޭގެ ތެރޭގައި އަޑިއަށް ދަތުރު ކުރަމުންދިޔަ ކުޑަ ސަބްމެރިންގެ ފަހަތު ކޮޅާއި އަދި އެހެނިހެން ބައިތައްވެސް ހިމެނެއެވެ. ސަބްމެރިންގެ ސްޓްރަކްޗަރ ފެއިލްވެ، ކަނޑުއަޑީގެ ޕްރެޝަރަށް އޭގެ އޮނިގަޑު ފިތި، ސަބްމެރިން ފަޅައިގެން ގޮސްފައިވާކަމަށް ބެލެވެނީ ކަނޑުގެ އަޑިއަށް ދަތުރު ފެށި ދުވަހުއެވެ.
މި ސަބްމެރިމްގެ ބައިތައް ފެނިފައިވަނީ، ސަބްމެރިންގައި ދަތުރު ކުރަމުންދިޔަ މީހުން ސަލާމަތް ކުރުމަށާއި ސަބްމެރިން ހޯދުމަށްޓަކާ، ކަނޑުގެ އަޑީގައި ހުންނަ ތަކެއްޗާއި އަދި އަަޑިއަށް ގޮސްފައިހުންނަ އުޅަނދުފަހަރުތައް ސަލާމަތްކުރުމުގެ ގާބިލްކަންހުރި، އެމެރިކާގެ ނޭވީގެ ސެލްވޭޖް ސިސްޓަމް ބޭނުންކޮށްގެން ކަނޑުގެ އަޑި ހޯދާ ބަލަމުން ދަނިކޮށެވެ.
ގެއްލުނު ސަބްމެރިންއާއި ކޮންޓްރޯލާއި ގުޅުން ކެނޑުނީ ކަނޑުގެ އަޑިއަށް ދަތުރުކުރަން ފެށިތާ އެއްގަޑިއިރާއި 45 މިނިޓް ފަހުންނެވެ. މި ސަބްމެރިންއަށް ޓައިޓޭނިކް އޮތް ސަރަހައްދަށް ދާން 2 ގަޑިއިރުގެ ދަތުރެއް ހޭދަވާނެއެވެ. އެއަށްފަހު ޓައިޓޭނިކް ބެލުމުގައި 4 ގަޑިއިރު ހޭދަކުރުމަށްފަހު މައްޗަށް އެރުމަށް 2 ގަޑިއިރު ހޭދަވާނެއެވެ. ސަބްމެރިންއިން ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 11 ގަޑިއިރުގެ ދަތުރެކެވެ.
ޓައިޓޭނިކް އަޑިއަށް ގޮސްފައިވަނީ 1912 ވަނަ އަހަރު އެޕްރިލްމަހުގެ 15 ވަނަ ދުވަހު، ގަނޑުފެންގަަޑެއްގައި ޖެހިގެންނެވެ. ގަނޑުފެންގަޑެއްގައި ޖެހުނުތާ އެންމެ ދެގަޑިއިރު ތެރޭ، އެޕްރިލްމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:20ގައި ޓައިޓޭނިކް އަަޑިއަށްދިޔަ ހާދިސާގައި 1،500 މީހުން މަރުވިއެވެ. ބޯޓުގައި 2,224 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ. ޓައިޓޭނިކް އޮތީ ކަނޑުގެ 12،500 ފޫޓު ފުނުގައެވެ.

އެ ބޯޓަކީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޕަސެންޖަރުލައިން ބޯޓެވެ. 1912 ވަނަ އަހަރު މި ބޯޓު އަޑިއަށް ދިޔަފަހުން، ކަނޑު އަޑިން ބޯޓު އޮތް ސަރަހައްދު ހޯދިފައިވަނީ 1985 ވަނަ އަހަރުއެވެ. އެއަށްފަހު މި ބޯޓު އޮތް ސަރަހައްދަކީ ކަނޑުއަޑިއަށް ދަތުރުކުރާ ފަތުރުވެރިންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.
ކޮމެންޓު ފޮނުވާ