ކަޑައެޅިގެން އިސްލާމް ދީނުގައި ހަރާމަތް ކުރައްވާފައި ކަންތައްތަކާއި، މުންކަރާތްތަކަށް އަރައި ގަންނަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވައި ފިޔަވަޅު ނޭޅުމަކީ އެކަންކަން ކުރާ ފަރާތްތަކަށް ދޭ އެއްބާރުލުމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޢީދު ފާހަގަ ކުރުމަށް ގއ.ވިލިނގިލީގައި ނިވާކަން ކުޑަ ހެދުން ލައިގެން ހުށަހަޅައިގެން ދިން އައިޓަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޝައިޚު އިލްޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކަމާއި ބެހޭ މުއައްސަސާތަކުން މިކަންކަން ވަގުތުން ހުއްޓުވަން ޖެހޭކަމަށެވެ. މިއީ ސީދާ މުންކަރާތްތަކަށް ކަމާއިބެހޭ އިދާރާތަކުން ދޭ އެއްބާރުލުމެއް ކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
ކަމާބެހޭ މުއައްސަސާތަކުން މިފަދަ މުންކަރާތްތައް ނުހުހުއްޓުވުމަކީ އެފަރާތްތަކުން އެމުންކަރާތްތަކަށް ހިއްވަރުދޭކަމުގެ ހެއްކެއް. މިކަމުގެ ނަތީޖާ ވަރަށް ހިތިވެދާނެ!
– ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
ޝައިޚު ވަނީ މިފަދަ މުންކަރާތްތަކުގައި ބައިވެރި ނުވުމަށް ދިވެހި ރައްޔިތުންގެ ކިބައި އެދިފައެވެ. މިއީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމަކަށްވާއިރު މިފަދަ ކަންކަމުގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރި ނުވުމަށް ޝައިޚު އިލްޔާސްވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ކަނޑައެޅިގެން ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަން އުފާފާޅުކުރުމުގެ ނަމުގައި ނުކުރުމަށާއި، އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން.
– ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
ވިލިނގިލީގެ ކުދި ބޮޑު ގިނަ ބަޔަކު ޖަމާވެފައި އޮތް އީދު ޝޯގައި ނިވާކަން ކުޑަކޮށް ބުރުގާ އަޅައިގެން ވެސް ތިބި އަންހެނަކުވެސް ހިމެނޭހެން ގެނެސްދިން އައިޓަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި މިކަމުގައި ޝާމިލުވި މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މިކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ހޯމް މިނިސްޓަރ އިމްރާނަށާއި، އިސްލާމިކް މިނިސްޓަރ ޑރ.ޒާހިރު އިތުރުން ޕޮލިސް ކޮމިޝަނާ ހަމީދަށެވެ.
ކޮމެންޓު ފޮނުވާ