ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާގަކި އަބަދުވެސް ސަޕޯޓްކުރާ މޮޅު ކުޅުންތެރިއެއް ކަމުގައި އިންޑިއާގެ ފޯވާޑު ސުނިލް ޗެތުރީ ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އެއްމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ހަދާފައިވާ ރެކޯޑާ، އިންޑީޔާގެ ކެޕްޓަން ސުނިލް ޗެތްރީވަނީ އެއްވަރުކޮށްފައެވެ. އެއީ 23 ލަނޑެވެ.
ސާފް ޗެމްޕިއަންޝިޕުގައި އަންގާރަ ދުވަހުގެ ރޭ ކުވައިތު ކޮޅަށް ޖެހި މޮޅު ލަނޑާއެކު ސުނިލް ޗެތްރީވަނީ ސާފް ޗެމްޕިއަންޝިޕުގައި ޖެހި ލަނޑުގެ އަދަދު 23 އަށް އަރުވައި ދަގަނޑޭގެ ރެކޯޑާ ހަމަކޮށްފައެވެ. ދަގަނޑޭވެސް ސާފް ޗެމްޕިއަންޝިޕުގައި ޖަހާފައިވަނީ 23 ލަނޑެވެ.
ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލްގައި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއްގެ ޖަވާބު ދެމުން ޗެތުރީ ބުނީ ދަގަނޑޭއާ ވާހަކަ ދެކެވޭ ކަމަށާއި އަބަދުވެސް އޭނާ އަށް ސަޕޯޓްކުރާ ކަމަށެވެ.
އަޝްފާގަށް އަހަރެން އަބަދުވެސް ސަޕޯޓް ކުރަން. އަހަރެން އަބަދުވެސް ވަރަށް ބަލައިގަންނަ ޕްލޭޔަރެއް އެއީ. މިއީ އަހަރެން މޮޑެސްޓްވާން ބުނާ އެއްޗެއް ނޫން، އަހަންނަކީ އެއްވެސް އިރެއްގައި ރެކޯޑަކަށް ބަލައިގެން މަސައްކަތް ކުރާ މީހެއް ނޫން. ޗެތުރީ، ބުންޏެވެ.
ދަގަނޑޭއާ ގުޅުން އޮވޭތޯ ސުވާލުކުރުމުން ޗެތުރީ ބުނީ "އީދު، ދިވާލީ ނުވަތަ އެ ނޫން ވެސް ހާލަތްތަކުގައި މެސެޖް ކުރެވޭ" ކަމަށާއި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ނުކުޅެވޭތީ ވެސް ވާހަކައެއް ދެކެވުނު ކަމަށެވެ.
ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ދަގަނޑޭގެ ރެކޯޑާ ޗެތްރީ އެއްވަރުކޮށްފައިވާއިރު މި މުބާރާތުގައި އެކަނި މިހާތަނަށް ޗެތްރީ ފަސް ލަނޑު ޖެހީއެވެ. އެންމެ ފަހުން މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ޗެތްރީ ފަސް ލަނޑު ޖެހިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް ޗެތްރީ ހެޓްރިކެއް ހެދިއެވެ. އަދި ޖެހިގެން އައި މެޗުގައި ނޭޕާލް ކޮޅަށްވެސް ޗެތްރީ ލަނޑު ޖެހުމަށް ފަހު ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ކޮންމެ މެޗެއްގައި ޗެތްރީ ލަނޑު ޖެހީއެވެ. ޗެތްރީގެ ލަނޑު ޖެހުމުގެ ފޯމަށް ބަލާއިރު ސެމީ ފައިނަލް މެޗުވެސް އަދި އޮތުމާއެކު ދަގަނޑޭގެ ރެކޯޑް މުގުރާލުމަކީ އެކަށީގެންވާ ކަމެކެވެ.