ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކުން އިސްނަގައިގެން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކީ ކުރިޔަށް ގެންދާ މަޝްވަރާތަކުގެ އަމާޒަކީ، ރައީސް ޔާމިން ނޫން އެހެން ކެނޑިޑޭޓަކަށް ޖާގަ ހޯދުން ކަމުގައި، ޕީޕިއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ތުހުމަތު ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން މިގޮތަށް ތުހުމަތު ކޮށްފައިވަނީ، ނަޝީދު އިސްވެ ނެރުއްވަމުން ގެންދަވާ "އޯޝަންވީކްލީއެމްވީ" އޮންލައިން ނޫހުގައި، "ޔާމީނެއްވެސް ނޫން، ނަޝީދެއްވެސް ނޫން" މިމައުޞޫއުގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެންނެވެ.
އިދިކޮޅު ޕީޕީއެމްގެ ސެނެޓްގެ މަޝްވަރާއާއި ނުލާ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރުން އަހުމަދު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އިސްވެސް، ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީއާއެކު ފާއިތުވެދިޔަ ހަފްތާގައި ސިޔާސީ މަޝްވަރާތައް ފަށާފައި ވަނިކޮށް، ނަޝީދު އިސްވެ ހިންގަވާ އޮންލައި ނޫހުގައި ރައީސް ޔާމިން ނޫން ފަރާތަކަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބެންޖެހޭ ކަމަށް މޭރުންކޮށް ލިޔުމާއި ގުޅިގެން، ޕީޕީއެމް/ޕީއެންސީގެ ސެނެޓް ވަޓްސްއަޕް ގުރޫޕުގައި ބައެއް ސެނެޓަރުން ކަންބޮޑުވުން ފާޅު ކުރައްވަމުން ލިޔުއްވާފައިވަނީ، "އޯޝަންވީކްލީއެމްވީ"ގައި ބުނާ ވާހަކައަކީ ރައީސް ޔާމިން ނޫން ކެނޑިޑޭޓަކަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރިޔާސީ ޓިކެޓް ލިބެން ޖެހޭނަކަމަށް ކަމުގައެވެ.
އެގޮތުން "އޯޝަންވީކްލީއެމްވީ"އަކީ ނަޝީދު ހިންގަވާ ނޫހަކަށް ވާއިރު، އަދި ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ނަޝީދުގެ "ޑިމޮކްރެޓްސް" ޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ކުރިޔަށް ގެންދާއިރު، އެނޫހުން ރައީސް ޔާމިން ނޫން ފަރާތަކަށް ކެމްޕޭން ކުރުމުން އެކަން ޕީޕީއެމްއަށްވެސް ނިސްބަތްވާނެކަމަށްވެސް ސެނެޓްގެ ބައެއް މެމްބަރުން ވަޓްސްއަޕް ގުރޫޕުގައި ލިޔެފައި ވެއެވެ.
އެހެންނަމަވެސް ސެނެޓަރުންގެ މިވާހަކަތަކަށް ރައްދު ދެމުން، "ދަ ޑިމޮކްރެޓްސް"އާއެކު ސިޔާސީ މަޝްވަރާތައް ކުރިޔަށް ގެންދިއުމުގައި އެންމެ އިސްކޮށް އުޅުއްވާ، ޕީޕީއެމްގެ ނާއިބު ރައިސް ޝިޔާމް ވަނީ، ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓަކީ ރައީސް ޔާމިންކަމުގައި ޕޯޑިއަމްތަކުގައާއި އަދި ޕްރެސް ކޮންފަރެންސްތަކުގައިވެސް ވިދާޅުވަމުން ގެންދަވާއިރު، "އޯޝަންވީކްލީއެމްވީ"ގައި ލިޔާ ލިޔުމެއް ސެނެޓަރުން ގަބޫލުކުރަންވީ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
ކީއްވެތޯ "އޯޝަންވީކްލީއިން އެއްޗެއް ޖަހާއިރަށް އަޅުގަޑުމެންނަށް ގަބޫލު ކުރެވެންވީ، ޕީޕީއެމް-ޕީއެންސީގެ ލީޑަރުން އަބަދު ޕޯޑިއަމްތަކުގަ އަދި ނިއުސް ކޮންފަރެންސް ތަކުގަ ޕީޕީއެމް-ޕީއެންސީގެ ކެނޑިޑޭޓަކީ ރައީސް ޔާމިންއޭ ކިޔާއިރުގަ؟
ސެނެޓަރުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، ޕީޕީއެމް/ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން "ދަ ޑިމޮކްރެޓްސް"އާއެކު ސިޔާސީ މަޝްވަރާތައް ފަށާފައި ވަނިކޮށް، ނަޝީދުގެ އޮންލައިން ނޫހުން ރައީސް ޔާމިން ނޫން ފަރާތަކަށް ކެމްޕޭން ކުރާން ފެށުމާއި ގުޅިގެން، ޕީޕީއެމްގެ މުޒާހިރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެޕާޓީގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުވަނީ ނަޝީދުގެ ނޫހަކުން ރައީސް ޔާމިން ނޫން ކެނޑީޑޭޓަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބެންޖެހޭކަމަށް ކެމްޕޭން ކުރަން ފެށިފެށުމާމެދު ފުންކޮށް ވިސްނާންޖެހޭކަމަށް ވިދާޅުވެފައެވެ.
މިއީ ވަރަށް ފުންކޮށް، ދުރަށް ވިސްނަން ޖެހޭ ކަމެއް ކަމުގައި ދެކެން.
އޯޝަން ވީކްލީގެ އާރޓިކަލްއިން، ރައީސް ޔާމިން ނޫން ބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ކަށަވަރުކުރުމަށް، އެހެން އެޖެންޑާއެއް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާކަމަށް މޭރުން ކުރައްވަމުން ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން ހުސެއިން މުހައްމަދު ލަތީފްވަނީ އެހެން ޕާޓީތަކުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓްގެ ވާހަކަ ދައްކަންޖެހޭ ސަބަބެއް ނެތްކަމުގައި ވިދާޅުވެ ޓުވީޓުވެސް ކުރައްވާފައެވެ.
PPM Candidate akee RY. Ehen party thakah ppm/pnc in riyaasee ticket vaahaka dhakkan jehey sababeh medhuverivefai eh neh. pic.twitter.com/Zo0v3FBN1B
— Hussain Mohamed Latheef (@HucenSembe) June 30, 2023
ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން "ދަ ޑިމޮކްރެޓްސް"އާއެކު ބާއްވަމުންދާ މަޝްވަރާތަކާއި، ރައީސް ޔާމިން ނޫން ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބެންޖެހޭކަމަށް ނަޝީދުގެ އޯޝަން ވީކްލީ ނޫހުގައި ލިޔުނު ލިޔުމާއި ގުޅުވާ ޕީޕީއެމްގެ ސެނެޓަރުން ސުވާލު އުފައްދާ، އަދި މިއީ ފުންކޮށް ވިސްނާންޖެހޭ ކަމެއްކަމަށް މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވުމާއި ގުޅިގެން، ނައިފަރު ދާއިރާގެ މެމްބަރުންވަނީ ސުވާލު ނުއުފައްދާކަމެއް ސިޔާސީ ފަރާތްތަކުން ކުރައްވާތޯ ސުވާލު ކުރައްވާފައެވެ.
ސުވާލު ނުއުފައްދާކަމެއް ސިޔާސީ މީހުން ކުރޭތޯ؟ ނޫނީ ސުވާލު ނު އުފެދޭކަމެއް ކުރެވޭތޯ ސިޔާސީ ކަންކަމުގަ؟ އެހެންވެގެން މި ދެންނެވީ އަޅުގަޑުމެން ފުރަތަމަ ހިތުގަ އަޑިން ގަބޫލުކުރަންވީ ރައީސް ޔާމިންއަކީ އަޅުގަޑުމެންގެ ރިޔާސީ ކެނޑިޑޭޓް ކަމަށް.
ހުސެން މުހައަމަދު ލަތީފަށް ރައްދު ދެއްވަމުން ޝީޔާމް ވިދާޅުވެފައި ވެއެވެ.
ވާދަވެރި ޕާޓީތަކާއެކު ސިޔާސީ މަޝްވަރާތަކަށް ދިޔައީ ސެނެޓްގެ ބަހެއް ނެތި؟
އިިޮކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން، ނަޝީދު އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު ސިޔާސީ މަޝްވަރާތައް ފަށާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި މިމަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުންތަކަށްފަހު ދެ ޕާޓީންވެސް ބުނެފައިވަނީ އަމާޒަކީ ރައީސް ސާލިހު ބަލިކުރެވޭނެ ގޮތެއް ހޯދުން ކަމުގައެވެ.
އެހެންނަމަވެސް އެ ގޮތަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޔާމިން ނެރުންކަމަށް ދެފަރާތަށް އެއްބަސް ވެވޭކަމަށް ދެފަރާތުންވެސް ބުނެފައެއް ނުވެއެވެ. އަދި މަޝްވަރާތަކުގެ ޕީޕީއެމްގެ ޕީޖީގެ އެންމެ ދެމެންބަރުން ބައިވެރިވެފައިވާއިރު، އެހެން ބޭފުޅުން މިމަޝްވަރާތަކަށް ތާއީދުކޮށް ވާހަކަވެސް ދައްކަވާފައި ނުވާކަން ފާހަގަ ވެއެވެ.
ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ވާދަވެރި ޕާޓީތަކާއެކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މަޝްވަރާއަށް ވަޑައިގެންނެވީ ސެނެޓްގެ ބަހެއް ނެތިއެވެ. އަދި ކުޑަމިނުން، މިހާރު ކުރިަޔަށްދާ ސިޔާސީ މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ޢެޑްވައިޒަރުންނާވެސް، މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރައީސް ޔާމިން މިނިވަން ކުރުން ނޫން އެހެން އެއްވެސް ސިޔާސީ މަސައްކަތަކާއި ގުޅޭގޮތުން ވާދަވެރި ޕާޓީތަކާއެކީ މަޝްވަރާކުރުމަށް ސެނެޓުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
އެހެންކަމުން، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި "ރައީސް ޔާމިން ވިދާޅުވިކަމަށް ބުނެ" ޝިޔާމްއާއި ޓޮމް އިސްވެ ވާދަވެރި ޕާޓީއަކާއެކީ ސިޔާސީ މަޝްވަރާއަށް ދިޔައީ ދެބޭފުޅުން އަމިއްލަފުޅު މަސްލަހަތެއް އޭގެ ތެރޭގައި އޮވެގެންނެވެ. އަދި ނަޝީދުގެ ތާއީދާއެކީ، ޕީޕީއެމްގެ ޓިކެޓްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް ޝިޔާމް މަސައްކަތް ކުރައްވާކަމަށްވެސް ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދެއެވެ.
2 Responses
ކަތުރުފަނި އެޅީމަ ދެން ވާނެޣޮތް ތިވަނީ. ޔާމީނަށް ދެން ހަތަރެސްފައިން ޓާޓާ ލާހިކެއްނޫން ދެނަކުން ޕީޕީއެމް ބޭނުންވާނެހެން ޔާމީނު ނެރޭކަށް އަހަރުމެން ވޭނުންވާ ގޮތް ތިވަނީ. ތިކަން ކުރުމަށްޓަކައި އެމްޑީޕީއިން އަހަރުމެން ރޭވި ރޭވުމުގެ އަސްލަކީ ތިއީ. ލާދީނީ އަންނި އާއި އޭނަގެޓީމަކީ މިރާއްޖޭގަޥާ އެންމެ ބޮޑު ސިޔާސީ ކަތުރުފަނިތައް. ސަހަރޯއި، ދެން ލަލަލާ.
ތިޔަ ހުރިހާކަމެއްވެސް ހަމަ ޖެހޭނެގޮތެއް ބުނެފާނަމެވެ. ޔާމީނު ފަޅުތަކާއި ރަށްތައް ވިއްކައިގެން އެކައުންޓްގައި މިލިޔަނުން އެހުރި ދިވެހި ރައްޔިތުންގެ ފައިސާ އަބުރާ ދައުލަތަށް ހަވާލު ކުރަނިކޮށް ދިވެހިން އޭނައަށް މަޢާފު ދޭނެއެވެ. އަދި އެފައިސާއިން ގަނެފައި ހުރި ބޮޑުބިމާއި ހަދަން ފަށާފައި ހުރި ގަނޑުވަރުވެސް ދައުލަތަށް ދޭށެވެ. ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް ދުވަހަކުން ދިވެހިން އެތަނާއި ތިޔަ ފައިސާ އަބުރާ އަތުލާނެއެވެ.