އައްޑޫ ބިން ހިއްކުން: ޒޯން އެކެއްގައި ހިމެނޭ މަރަދޫ، މަރަދޫފޭދޫ ބިން ހިއްކާ ނިންމާލައިިފި

އައްޑޫ ބިން ހިއްކުން: ޒޯން އެކެއްގައި ހިމެނޭ މަރަދޫ، މަރަދޫފޭދޫ ބިން ހިއްކާ ނިންމާލައިިފި

Author
އަޒްފާ ރަޝީދު
29 ޖޫން 2023 05:25
0

އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާއިރު، ޒޯން އެކެއްގައި ހިމެނޭ މަރަދޫ، މަރަދޫފޭދޫގެ ބިން ހިއްކާ ނިންމާލައިިފި އެވެ.

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެޓުން ހާމަކޮށްފައިވާ ގޮތުގައި މަރަދޫ އަދި މަރަދޫ ފޭދޫގައި ހިއްކަން ހަމަޖެހިފައިވާ 76 ހެކްޓަރުގެ މަަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ތައްޔާރުވަމުންދަނީ ހިތަދޫ ޒޯން 2ގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށެވެ. މަރަދޫ އަދި މަރަދޫ ފޭދޫގެ 76 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 3 ހަފްތާ ވަނީ ހޭދަވެފައެވެ.

މިމަޝްރޫއުގެ ދަށުން ޖުމްލަ 228 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫން ބިން ހިއްކަނީ ރިސޯޓު ތަރައްގީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށާއި ބިން ހިއްކަނީ ހިތަދޫ އާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫ އިންނެވެ. އަދި ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ނިންމާފައިވެ އެވެ.

އައްޑޫ ސިޓީން ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

* ހިތަދޫން 90 ހެކްޓަރުގެ ބިން

* މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން

* ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން

* ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން

* ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، މިމަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މަރަދޫ އަދި މަރަދޫ-ފޭދޫގެ ބިން ހިއްކައި ނިމުމާއެކު މިހާރު ހިތަދޫ ޒޯން 2 ބިން ހިއްކުމުގެ މަސައްކަތް ވެން އޫޑް ކުންފުނިން ވަނީ ފަށާފައެވެ. ހިތަދޫ ޒޯން 2 އަކީ ހިތަދޫ ޕޯޓް ލިމިޓެޑުގެ ދެކުނުން ހިއްކާ ސަރަހަދު ކަމަށްވާއިރު، މި ސަރަހައްދުން 40 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ.

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އާއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، މިމަޝްރޫއުގެ މަސައްކަތާ އެކު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ގިނަ ކަންކަން ފުރިހަމަވެގެންދާނެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ އެކީ އައްޑޫ ބަދަލުވެގެން ދާނީ ހަގީގީ ފުރިހަމަ ސިޓީއަކަށެވެ.

އައްޑޫސިޓީ މަރަދޫ އަދި މަރަދޫ ފޭދޫ އަވަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިޙުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.