މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމައި ޢާންމު ކުރި ލިސްޓުގައި އޮތީ ބިދޭސީ 3 މީހެއްގެ ނަންކަމަށް މި ކޮމެޓީގެ ޗެއާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ބިދޭސީންގެ ނަންތައް ލިސްޓުގައި އޮތްކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އަކްރަމް ވިދާޅުވި ލިސްޓަށް ޝަކުވާއަށް ހުޅުވަލީވެސް މިބޭނުމުގައިކަމަށެވެ. މިހާރު ލީކުވެގެން އުޅޭ 10 މީގެއްގެ ލިސްޓަކާއި ގުޅޭގޮތުން އެކަން ދޮގުކޮށް އަކްރަމް ވިދާޅުވީ 10 މީހެއްގެ ނަން ޢާންމުކުރި ލިސްޓުގައި ނޯންނާނެކަމަށެވެ.
ލިސްޓުގައި މިހާތަނަށް ފާހަގަވީ ބިދޭސީ 3 މީހެއްގެ ނަން އޮތުން ކަމަށާއި، އެކަން އިސްލާހު ކުރެވޭނެކަމަށެވެ. ވަގުތީ ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލީ މިކަން އިސްލާހު ކުރުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.
މީ ރަގަޅު ވާހަކައެއް ނޫން. މީގައިވާ 10 މީހުންގެ ތެރޭން ވަގުތީ ލިސްޓްގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން، ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުމަށް ހިންގޭ ޕްރޮސެސްއެއް. ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަގަޅު ކުރެވިގެން.
– އަކްރަމް ވިދާޅުވިއެވެ.
މީ ރަގަޅު ވާހަކައެއް ނޫން ، މީ ގައި ވާ 10 މީހުން ގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު 3 މީހުން ، ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކި މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުމަށް ހިންގޭ ޕްރޮސެސްއެއް. 1/2 pic.twitter.com/hQPjpmyqm5
— Akram Kamaludeen (@Akramkdeen) June 29, 2023
ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.
ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ.
މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.
ކޮމެންޓު ފޮނުވާ