މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު، ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން ބުނެފިއެވެ.
ސަރުކާރުން ހޯމަ ދުވަހު ހާމަ ކުރި ބިންވެރިޔާ ސްކީމުގައި މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، އިނީ ޝަރުތުހަމަވާ، އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައެވެ. އެ ލިސްޓުގައި ތިބި ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ.
ހަބީބުގެ ނަން ލިސްޓުގައި އޮތުމުން އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ކޮމެޓީގެ ޗެއާ އަކްރަމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަބީބުގެ ނަން ލިސްޓުގައި އޮތް މައްސަަލަ ކޮމެޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭނާގެ ނަން އޮތީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަބީބަކީ މީގެ ކުރިން އިންޑިއާ ރައްޔިތެއް ނަމަވެސް މިހާރު އެއީ މާލެ ރަށްވެއްސެއް ކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން އާންމު ކުރި އުސޫލުގެ ދަށުން އޭނާއަށް ގޯތި ލިބުމުގެ ޝަރުތު ހަމަނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ބުނެފައިވަނީ ވަގުތީ ލިސްޓު ޢާންމު ކުރުމުގެ ބޭނުމަކީވެސް ލިސްޓަށް ޝަކުވާއެއް އޮތްތޯ ބަލައި ޝަކުވާ ކުރުމުގެ ފުރުސަތު ދިނުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިޢުލާންކުރެއްވި ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިފަހަރު ދޫކުރައްވާ 5000 ގޯއްޗަކީ ހުޅުމާލެއާއި ގުޅީފަޅުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ގޯއްޗެވެ. އޭގެތެރެއިން 1500 އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން އަދި ބާކީހުރި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ.
ޝަރުތު ހަމަވެ މިފަހަރު ގޯތި ނުލިބުނު އެންމެނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކުރިއަށްހުރި މަޝްރޫޢުތަކުން ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގޯތި ލިބޭނެކަމަށް ކަނޑައަޅަ ޢާންމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި 15އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އޭގެފަހުން ދާއިމީ ލިސްޓު ޢާންމުކުރައްވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ