ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ސާލިހު ވަނީ ޢީދު ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދަތުރުކޮށް މިވަގުތު މައްކާގެ މާތް ބިމުގައި ތިބި، ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސްގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ޢީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށާއި، އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރުމަށާއި، ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ފަޤީރުންނާއި މިސްކީނުނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށްވެސް ރައީސް ސާލިހުގެ ޚިޡާބުގައި ބަރުއަޅުއްވާފައި ވެއެވެ.
ރައީސް ސާލިހުގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ވިދާޅުވަމުންނެވެ. އަދި މިއަދުގެ މުނާޞަބަތުގައި ހުރިހާ ރައްޔިތުންވެސް ހިތްތަކުގައި ކުޑަނަމަވެސް ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނު ވިދާޅުވިއެވެ.
One Response
އަޅެކެރެންޏާ މަޢާފް ކޮށްބަލަ