ޙައްޖުގެ މަތިވެރި އަޅުކަމުގައި މިއަހަރު 2.5 މިލިޔަން މީހުން

ޙައްޖުގެ މަތިވެރި އަޅުކަމުގައި މިއަހަރު 2.5 މިލިޔަން މީހުން

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2023 03:23
0

ދެމިލިއަނެއްހާ ހައްޖުވެރިންނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން ފަށައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު ފުރަތަމަ ފަހަރަށް އެންމެ ގިނަ ބަޔަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ފުރުޞަތު މިފަހަރު ސަޢުދީންވަނީ ދީފައެވެ. 2019 ވަނަ އަހަރަށް ފަހު އެންމެ ގިނަ މީހުން ޙައްޖަށް ގޮސްފައިވަނީ މިއަހަރެވެ. މިގޮތުން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި 2.5 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ މައްކާއަށް ދަތުރުކޮށްފައެވެ. މިއީ މުޅި ދުނިޔޭގައިވެސް ދީނީ އަޅުކަމެއް އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެންމެ ގިނަ މީހުން އެއްތަންވާ ޖަމާޢަތެވެ.

8.8 ކިލޯމީޓަރުގެ ރާސްތާއެއް ފުރިހަމަކޮށް މައްކާއިން މިނާއަށް ދިއުމަށް ހައްޖުވެރިން ދަތުރު ފަށާފައިވާއިރު ހައްޖުވެރިން މިއަދު އަރަފާތު ބިމަށް އެއްވާނެއެވެ. އަރަފާތު ބިމުގައި ތިބުމަށްފަހު ހައްޖުވެރިން ދެން އޮތް މަންޒިލް ކަމުގައިވާ މުޒްދަލިފާއަށް ދާނެއެވެ. މުޒްދަލިފާގައި ރޭ ކުރުމަށްފަހު ޖެހިގެން އަންނަ އީދު ދުވަހުގައި މިނާގައި އުޟްހިޔާ ކަތިލުމާއި ޖަމްރާއަށް ހިލަ އުކުމާއި ބޯ ބޭލުން ކުރިޔަށް ދާނެއެވެ.

ޙައްޖު ދުވަހު ޢަރަފާތުގައި ޙައްޖާޖީން މާތް ރަސްކަލާންގެ ރުއްސެވުމާއި ފުއްސެވުން އެދި އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ޙައްޖަށް ނުދެވޭ މުސްލިމުން ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދުޢާކުރުމާއި، ޒިކުރުކުރުންމަތީ ދެމިތިބެއެވެ.

މާތް ރަސްކަލާންގެ ރަޙުމަތަށް އެދިގެން އެދުވަހުގައި ޞަދަޤާތްކުރެއެވެ. އިސްލާމީ އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މިދުވަހުގެ ރަޙުމަތް ލިބިގަނެ އެމީހެއްގެ އީމާންކަން ވަރުގަދަކުރުމަށް ހުރިހާ މުސްލިމުން މިއަދު ގަދައަޅައި މަސައްކަތް ކުރެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު 1000 މީހުންގެ ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަނާއި، އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި މިއަހަރު ދިވެހި ޙައްޖުވެރިން ވަނީ ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ ޢަރަފާތުގައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.