ނައިބް ރައީސަށް ހައްޖުވެރިންނާއި ބައްދަލު ކުރެވޭ ގޮތެއްނުވި!

ނައިބް ރައީސަށް ހައްޖުވެރިންނާއި ބައްދަލު ކުރެވޭ ގޮތެއްނުވި!

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2023 02:40
0

ހައްޖާ ގުޅޭ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ފަރާތުން އަމީރުލް ހައްޖުގެ ގޮތުގައި މައްކާއަށް ވަޑައިގަތް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް، ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރެވޭ ގޮތެއް ނުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވީ ގައުމުތަކުގެ ވެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނައިބު ރައީސް އަށް ދިވެހި ހައްޖުވެރިންނާއި އަދި ބައްދަލު ނުކުރެވޭ ކަމަށެވެ.

ނަމަވެސް ސައުދީ ސަރުކާރުގެ ކަމާގުޅޭ އޮފިޝަލުންނާއި ބައްދަލުކޮށް ދިވެހި ހައްޖުވެރިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނައިބު ރައީސް ފައިސަލް އަށް ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އެކަމުގައި އަލިމަގެއް ފެނިފައި ނުވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނާއިބު ރައީސަކީ ދިވެހި ދައުލަތުގެ އިސްވެރިއަކަށް ވާތީ އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ސައޫދީ އަރަބިއްޔާގެ ސަލާމަތީ ފަރާތްތަކުން ބަލަހައްޓަނީ އެންމެ މަތީ ފެންވަރުގައެވެ. އެމަނިކުފާނު މައްކާގައި ހުންނަވަނީ ވެސް ހަރަމްފުޅު ކައިރީގައި ހުންނަ ހާއްސަ ގަނޑުވަރުގައެވެ.

ދިވެހި ހައްޖުވެރިންނާ ބައްދަލުކުރެއްވޭގޮތެއް ހޯއްދެވުމަށް ހޮނިހިރު ދުވަހު ނައިބު ރައީސްއާއި އެމަނިކުފާނުގެ ޓީމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް މިނިސްޓަރ ހާމަކުރެއްވިއެވެ. ހައްޖުވެރިންނާއި ބައްދަލުނުކުރެއްވުނު ނަމަވެސް، ހުރިހާ ހައްޖުވެރިންނަށް ވެސް ހަމަޖެހިފައިވާ އިންތިޒާމުތައްހުރީ އެންމެފުރިހަމައަށްތޯ ނައިބު ރައީސް ގެންދަވަނީ ބައްލަވަމުންނެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރުވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފައެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 1000 ކޯޓާގެ ތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. އަދި ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖާޖީން މިނާއަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާކަމަށާއި، މަސައްކަތްކުރަމުންދަނީ ސަޢުދީ ގަޑިން މެންދުރު ނަމާދު ވަގުތަށް މިނާއަށް ޙައްޖުވެރިން ގެންދިޔުމަށްކަމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.