ކިންގް ސަލްމާން މިސްކިތް ނިމި، ހުޅުވުމުގެ މަޝްވަރާ ފަށައިފި

ކިންގް ސަލްމާން މިސްކިތް ނިމި، ހުޅުވުމުގެ މަޝްވަރާ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 01:54
0

ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެން ހުރި އެންމެހައި މަސައްކަތްތަށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް19 ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި ގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަވަމުންކަމަށެވެ. އަދި މާޗް މަހުގައި ހުޅުވުމަށް ރާވާ މަސައްކަތް ކުރެވެމުން ދިޔަކަމަށެވެ.

އެހެން ނަމަވެސް ކޯވިޑް19 ގެ ހާލަތާ ގުޅިގެން މިހާރު އެކަން ލަސްކުރެވިފައިވާކަމަށެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް ނޮވެމްބަރު މަހުގެ މެދުތެރޭގައި ހާމަކުރައްވާފައިވާ ފަދައިން ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، މިނިސްޓްރީ އޮޮފް ފޮރިންގ އެފެއާޒްއާއި ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.