ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފަށައިފި

ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2023 02:27
0

1444 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި މަނާސިކުތައް އަދާކުރުމަށްޓަކާ ދިވެހި ޙައްޖާޖީން މިނާއަށް ދަތުރު ފަށާއިވާކަމަށް މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ރާއްޖޭން މިއަހަރު ޙައްޖަދިޔަ 881 ޙައްޖާޖީން މިވަގުތު ތިބީ މައްކާގައި ހުންނަ ދިވެހި ޙައްޖުވެރިންނަށް މިއަހަރު ޚިދުމަތްދޭ "އަލް ބައިތު ގެސްޓްސް" ގައެވެ. ހުރިހާ ދިވެހި ޙައްޖާޖީންގެ ޙާލުވެސް އާއްމުގޮތެއްގައި ރަނގަޅުކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިވަގުތު ޙައްޖުވެރިން ބަހަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލަފާކުރެވެނީ ސައުދީ ގަޑިން މެންދުރު ނަމާދު ވަގުތު ޖެހެންވާއިރަށް މިނާއަށް ޙައްޖުވެރިންނަށް ދެވޭނެކަމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެކޯޕަރޭޝަނުން ބުނީ، ޢާއްމުގޮތެއްގައި ޙައްޖުވެރިންގެ ޙާލު އަޙުވާލު ރަނގަޅުނަމަވެސް ބައެއް ޙައްޖުވެރިންނަށް އަރިދަފުސް ރޯގާގެ އަސަރުކޮށްފައިވާކަމަށެވެ.

މިނާއަށް ޙައްޖުވެރިންގޮސް މެންދުރު ނަމާދުކޮށް ކައިގެން އަރާމުކުރުމަށްފަހު، އަޅުކަމާއިގެން ކުރިއަށްދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި ދުޢާކުރުން ހިމެނެއެވެ. އަދި ޢަރަފާތު ބިމަށް ދިޔުމަށް މިރޭ ފަތިހު ޙައްޖުވެރިން ދަތުރުކުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިނާއަށް ޙައްޖުވެރިން ގެންދިޔުމަށް މިދަތުރުގައި 19 ބަސް ބޭނުންކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ބަހެއްގައި 42 މީހުންނާއި 46 މީހުންނާއި ދެމެދުގެ ޢަދަދަކަށް ޙައްޖުވެރިން ދަތުކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން ރާއްޖެއިން ޙައްޖަށް މީހުންދާ އަނެއް 3 ގްރޫޕުގެ ޙައްޖުވެރިންވެސް މިއަދު މިނާއަށް ދާނެއެވެ. މި ގްރޫޕްތަކުން ޙައްޖަށް ގެންދިޔަ މީހުން ދަތުރުކުރަން ހަމަޖެހިފައި އޮތީ ކޮންމެ ގްރޫޕަކުން 2 ބަހުގައިކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.