ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުންގެ މެދުގައި ބާއްވާ ޚާއްސަ މަޝްވަރާ ބައްދަލުވުމެއް އިރުކޮޅެއް ތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޚަަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވީ މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 12 ޖަހާއިރުކަމަށެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ދެ ފަރާތުން އެކީގައި ކުރިއަށްދާނެ ގޮތަކާއި، މިހާރުގެ ސިޔާސީ މަސްރަހުގައި ހުރި ކަންކަމުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނެވެ.
މިބައްދަލުވުމުގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ އިލެކްޝަނުން ހިފަހައްޓާފައިވާތީ އެކަމުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އަޅުގަނޑުމެން ރަސްމީކޮށް އެކީގައި މަސައްކަތް ފެށުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން. މިބައްދަލުވުމުގައި މުހިންމު ކަންކަމުގައި މަޝްވަރާ ކުރެވޭނެ.
– ބައްދަލުވުމުގައި ބައިވެރިވާ ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްކަމުންނާއި އެޕާޓީގެ މެމްބަރު ކަމުން ރައީސް ނަޝީދު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފައެވެ. އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އެރުމަށް މަސައްކަތް ކުރަމުންދާއިރު ރައީސް ޞާލިހަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތައް ދަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް އެމަނިކުފާނު ވެރިކަމަށް ގެނައި ލީޑަރުންގެ ތެރެއިން، ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމާއި، ނާޒިމްގެ އިތުން ރައީސް މައުމޫންވެސް ހުންނެވީ މިހާރު އެމަނިކުފާނާއި ދެކޮޅަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް، ނަޝީދުގެ މައްޗަށް ކުރި ހޯއްދެވުމާއި އަދި އިންތިހާބުގެ ނަތީޖާ ނަޝީދު ގަބޫލު ނުކުރެއްވުމާއި، ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރެއްވުމާއިއެކު ނަޝީދާ ރައީސް ސޯލިހްގެ ގުޅުން ވަނީ އެއްކޮށް ކެނޑިފައެވެ.
ނަޝީދު އެމްޑީޕީން ވަކިވިއިރު އެމަނިކުފާނަށް ވަފާތެރި މެންބަރުން ގެންދަވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ހިފަހައްޓާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު އޮތް އަލީ ނަޝާތު އާއި މުހައްމަދު އާސިފް އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވާން ދެކޮޅުހަދައި، ޖަލްސާތައް ބޮއިކޮޓް ކުރުމުން އިލެކްޝަންސް ކޮމިޝަންގައި މިހާރު އޮތީ މަރުތަޅު އެޅުވިފައެވެ.