ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން މީހުންނަށް މިހާރަށްވުރެ ހަމަހަމަ ފުރުޞަތުތަކާއި، އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައި މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމަޢުއިން ދެވޭ ސަމާލުކަން އިތުރުވެފައިވީނަމަވެސް މުޖުތަމައުގައި ހަވާސާވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާގޮތުގައި ޝާމިލުވެއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އިތުރަށް މަސައްކަތް ކުރަންޖެހިފައިވާ ދާއިރާއެއްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ޖެންޑަރ މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި މިހާރުވެސް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ރާއްޖޭގައި މިގޮތަށް ބިނާވެގެންދާނެ ފުރަތަމަ ސެންޓަރު. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ތަނަކަށް ވެގެންދާނެކަން ކަށަވަރު
– ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާގުޅިގެން އދ. ގެ ފަރާތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ބިލްޑިންގ ބެކް ބެޓަރ، ޓުވޯޑް ޑިސެބިލިޓީ، އިންކްލޫސިވް، އެކްސެސެބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓް ކޯވިޑް-19 ވޯލްޑް" އެވެ.
ކޮމެންޓު ފޮނުވާ