ޤާބިލް އެތައް އަންހެން ޑިޕްލޮމެޓުންނާއެކު ކޮންމެ ދުވަހަކު މަސައްކަތް ކުރަން ލިބުމަކީ ލިބޭ ބޮޑު ފަޚުރެއް ކަމުގައިި ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އަންހެނުންނަށް ތަހުނިޔާ އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ މިދިޔައަހަރު ދިވެހިރާއްޖެއިން އިސްނަގައިގެން އ.ދ. އިން ވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހަކީ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ޤަރާރެއް ފާސްކޮށްފައި ކަމަށެވެ. އެ ޤަރާރު ފާސްކޮށްފައިވަނީ ރެކޯޑް އަދަދަދެއްގެ ކޯ ސްޕޮންސަރުންނާއެކު ގައިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ޤާބިލް އެތައް އަންހެން ޑިޕްލޮމެޓުންނާއެކު ކޮންމެ ދުވަހަކު މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑަށް ލިބޭ ފަޚުރެއް. އުފަލެއް. ޑިޕްލޮމެޓިކް ދާއިރާގައި އަންހެނުން ކުރަމުންދާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އަގު ވަޒަންކުރަމާތޯ!
– ޝާހިދު ވިދާޅުވިއެވެ.
މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޚާރިޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށްދިނުމެވެ. އަދި މި ދާއިރާއިން ކުރިއަށްދިއުމަށް ހުރި ފުރުޞަތުތައް އިތުރުކޮށްދީ، މި ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތާލާ، އެކަންކަމަށް ހޭލުންތެރިކުރުވުމެވެ.
ކޮމެންޓު ފޮނުވާ