އަޑިއަށްދިޔަ ސަބްމެރިންއިން އޮކްސިޖަން ހުސްވެދާނެކަމުގެ ބިރުހީވެ، ހޯދުމުގެ މަސައްކަތް އެންމެ ނާޒުކު މަރުހަލާގައި

އަޑިއަށްދިޔަ ސަބްމެރިންއިން އޮކްސިޖަން ހުސްވެދާނެކަމުގެ ބިރުހީވެ، ހޯދުމުގެ މަސައްކަތް އެންމެ ނާޒުކު މަރުހަލާގައި

މީގެ 100 އަހަރު ކުރިން އަޑިއަށް ގޮސްފައިވާ، މަޝްހޫރު ޓައިޓޭނިކް އާގު ބޯޓު ބެލުމަށް ކަނޑު އަޑިއަށް ދަތުރު ކުރި ސަބްމެރިންއެއް ގެއްލިގެން ހޯދަން ފެށިތާ 4 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ސަބްމެރިންގައި ހުރި އޮކްސިޖަން މިހާރު ހުސްވެދާނެކަމުގެ ބިރު ހީވެ، ސަބްމެރިން ހޯދުމަށް ކުރަމުންދާ މަސައްކަތް އޭގެ އެންމެ ނާޒުކު މަރުހަލާއާއި ހަމައަށް ދަތުރު ކޮށްފިއެވެ.

އޯޝަންގޭޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ކުޑަ ސަބްމެރިންއެއްގައި 5 މީހަކު ކަނޑު އަޑިއަށް ދަތުރު ފަށާފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް ދަތުރު ފެށިތާ 1 ގަޑިއިރާއި 45 މިނިޓް ފަހުން ސަބްމެރީންއާއި ވަނީ ގުޅުން ކެޑިފައެވެ.

ސަބްމެރިންގައި ދަތުރު ކުރަމުން ދިޔަ 5 މީހުންގެ ތެރޭގައި އިނގިރޭސި ރައްޔިތުކަން އޮންނަ ޕާކިސްތާނުގެ ވިޔަފާރަވެރިއެއް ކަމުގައިވާ ޝަހުޒާދާ ދާއޫދުއާއި އޭނާގެ ދަރިކަލުން ސުލެއިމާންގެ އިތުރުން އިނގިރޭސި މަހުޖަނު އަދި އެކްސްޕްލޯރައެއް ކަމުގައިވާ ހަމިޝް ހާޑިން ހިމެނެއެވެ. ސަބްމެރިންގައި ދެން ތިބީ، ކަނޑުއަޑިއަށް ކުރާ ދަތުރު ހަމަޖެއްސި ކުންފުނި ކަމުގައިވާ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓަން ރުޝްގެ އިތުރުން ފްރެންޗް އެކްޕްލޯރާރއެއް ކަމަށްވާ ޕައުލް-ހެންރީ ނާގިއޮލެޓްއެވެ.

ފާއިތުވެދިޔަ އާދީއްތަ ދުވަހު ކަނޑުގެ 13،000 ފޫޓު އަޑިއަށް ދަތުރު ކުރަން ފެށި، ކުޑަ ވޭނެއްވަރުގެ މި ސަބްމެރިން ދަތުރު ފެށިއިރު ހުރި އޮކްސިޖަން މިއަދު ހެނދުނާއި ހަމައަށް ދިޔައިރު ހުސްވާނެކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް ސަބްމެރިންގައި ދަތުރު ކުރަމުންދިޔަ 3 މީހަކީ ކަނޑުގެ އަޑިއަށް ކުރާ މިފަދަ ދަތުރުތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ހުރި ފަރާތްތައްކަމަށް ވުމުން، ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ މިފަދަ ހާލަތެއްގައި އޮކްސިޖަން ވީހާވެސް މަދުން ބޭނުންކޮށްގެ އަދިވެސް ސަބްމެރިންގައި ތިބި މީހުން މަރުނުވެ ތިބުމުގެ ފުރުސަތު އޮތް ކަމުގައެވެ.

ސަބްމެރިން ހޯދުމަށްޓަކާ، ކަނޑުގެ އަޑީގައި ހުންނަ ތަކެއްޗާއި އަދި އަަޑިއަށް ގޮސްފައިހުންނަ އުޅަނދުފަހަރުތައް ސަލާމަތްކުރުމުގެ ގާބިލްކަންހުރި، އެމެރިކާގެ ނޭވީގެ ސެލްވޭޖް ސިސްޓަމް މިހާރުވަނީ އެމެރިކާގެ އެސްޓީ ޖޯންސް ނިއުފައުންޑްލޭންޑަށް ދަތުރު ކޮށްފައެވެ. އެހެންނަމަވެސް މި ސިސްޓަމް ނޯތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދާއި ހަމައަށް ދަތުރު ކުރިކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އެމެރިކާގެ ކޯސްގާޑުން ބުނެފައިވަނީ، ކަނޑުގެ އަޑިން، އެއްޗިހިތަކެއް ތެޅެމުންދާ އަޑު އަންގާރ ދުވަހާއި ބުދަ ދުވަހު އިވެމުންދާކަމަށާއި، އެހެންނަމަވެސް އެއީ ކޮން އަޑެއްކަން ޔަގީން ކުރެވިފައި ނުވާކަމުގައެވެ.

ގެއްލިފައިވާ ސަބްމެރިންއާއި ގުޅުން ކެނޑިފައިވަނީ ކަނޑުގެ އަޑިއަށް ދަތުރުކުރަން ފެށިތާ އެއްގަޑިއިރާއި 45 މިނިޓް ފަހުންނެވެ. މި ސަބްމެރިންއަށް ޓައިޓޭނިކް އޮތް ސަރަހައްދަށް ދާން 2 ގަޑިއިރުގެ ދަތުރެއް ހޭދަވާނެއެވެ. އެއަށްފަހު ޓައިޓޭނިކް ބެލުމުގައި 4 ގަޑިއިރު ހޭދަކުރުމަށްފަހު މައްޗަށް އެރުމަށް 2 ގަޑިއިރު ހޭދަވާނެއެވެ. ސަބްމެރިންއިން ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 11 ގަޑިއިރުގެ ދަތުރެކެވެ.

ޓައިޓޭނިކް އަޑިއަށް ގޮސްފައިވަނީ 1912 ވަނަ އަހަރު އެޕްރިލްމަހުގެ 15 ވަނަ ދުވަހު، ގަނޑުފެންގަަޑެއްގައި ޖެހިގެންނެވެ. ގަނޑުގެންގަޑެއްގައި ޖެހުނުތާ އެންމެ ދެގަޑިއިރު ތެރޭ ޓައިޓޭނިކް، އެޕްރިލްމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:20ގައި ޓައިޓޭނިކް އަަޑިއަށްދިޔަ ހާދިސާގައި 1،500 މީހުން މަރުވިއެވެ. ބޯޓުގައި 2,224 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ. ޓައިޓޭނިކް އޮތީ ކަނޑުގެ 12،500 ފޫޓު ފުނުގައެވެ.

އެ ބޯޓަކީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޕަސެންޖަރުލައިން ބޯޓެވެ. 1912 ވަނަ އަހަރު މި ބޯޓު އަޑިއަށް ދިޔަފަހުން، ކަނޑު އަޑިން ބޯޓު އޮތް ސަރަހައްދު ހޯދިފައިވަނި 1985 ވަނަ އަހަރުއެވެ. އެއަށްފަހު މި ބޯޓު އޮތް ސަރަހައްދަކީ ކަނޑުއަޑިއަށް ދަތުރުކުރާ ފަތުރުވެރިންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *