ފަނޑިޔާރުން އެދިގެން ކޯޓުތަކަށް ބަދަލުނުވެވޭ ގޮތަށް ހަދައިފި

ފަނޑިޔާރުން އެދިގެން ކޯޓުތަކަށް ބަދަލުނުވެވޭ ގޮތަށް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 10:47
0

ފަނޑިޔާރުން އެއް މަރުހަލާގެ އެހެން ކޯޓަކަށް އަމިއްލައަށް އެދިގެން ބަދަލު ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލައި، އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން އެ މަރުހަލާގެ އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު އަމިއްލައަށް އެދިގެން ނުވަތަ އެހެން ކޯޓަކަށް ބަދަލުވުމުގެ ފުރުސަތު ޖޭއެސްސީން ފަނޑިޔާރުންނަށް ހުޅުވާލުމުންނެވެ. އެކަމަކު އެގޮތަށް ފަނޑިޔާރަކު ބަދަލުކޮށް ދެވޭނީ އެ ފަނޑިޔާރަކު އެވަގުތު މަސައްކަތް ކުރާ ކޯޓުގަައި ދެ އަހަރު ވެފައިވާ ނަމަ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މިގަވާއިދުގައި ބުނެފައިވާގޮތުން ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހަޅައިގެންކަމަށެވެ. މިގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އިންޓަވިއު ގެ މަރުހަލާވެސް ފުރިހަމަ ކޮށްފައެވެ.

އެ ގަވާއިދުގައިވަނީ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފި ނަމަ، ރަސްމީ 15 ދުވަސް ތެރޭގައި އެ ފަނޑިޔާރު އެވަގުތު ހުރި ކޯޓުގައި ހުރި މަސައްކަތްތައް ނިންމަން ޖެހޭނެއެވެ. މީގެ އިތުރުންވެސް ގަވާއިދުގައި ބޭރުޤައުމުތަކަށް ފަނޑިޔާރަކު ދާނަމަ އެކަން ކުރެނޭނީ ޖޭއެސްސީގެ ހުއްދައާއިއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމުގައި ބުނެފައިވެއެވެ. އަދި މުއްދަތު އިތުރު ކުރާނަމަ އެކަން ކުރަނީވެސް ޖޭއެސްސީންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ކޯޓަކަށް ބަދަލުވާން އެދޭ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ނަމަ، އެކަމަށް ރިއާޔަތް ކުރުމުގެ އިތުރުން ބަދަލުވާން އެދޭ ސަބަބަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ބަދަލުވާން އެދޭ ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ވޭތުވެދިޔަ ދެ އަހަރު އެ ފަނޑިޔާރަކު ބެލި މައްސަލަތަކާއި ނިންމި މައްސަލަތަކުގެ އަދަދާއި ނުނިމި ހުރި މައްސަލަތަކާއި އޭގެ ސަބަބަށް ވެސް ޖޭއެސްސީން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.