އޭސީސީއަށް ހާޒިރުކުރީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ބިރުދައްކަން: ނާޒިމް

އޭސީސީއަށް ހާޒިރުކުރީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ބިރުދައްކަން: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2023 11:48
0

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައަށް ސުވާލު ކުރެއްވުމަށް އެންޓި-ކޮރަފްޝަން ކޮމިޝަނަށް (އޭސީސީ)އަށް ހާޒިރުކުރީ، ބައެއްގެ ސިޔާސީ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގި އިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް އިއްޔެ އޭސީސީއަށް ހާޒިރުރުމާ ގުޅޭގޮތުން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކޮރަޕްޝަންގެ މައްސަލައިގައި އޭނާއާ ސުވާލުކުރަން މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، މީގެ ނުވަ އަހަރު ކުރިން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ އޭސީސީއަށް ހާޒިރުވާން އެންގީ، ސިޔާސީ ގޮތުން އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ، އޭނާގެ އަގުވައްޓާލައި އޭނާއަށް ކުރަމުންދާ ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ބައެއްގެ ނުފޫޒުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާއާ އެމްއެންޕީގެ ރިޔާސީ ޓިކެޓާ ހަވާލުވެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުން ދަނިކޮށް އަދި ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، މީގެ 9 އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއްގައި އޭނާ އޭސީސީއަށް ހާޒިރުކުރީ، ސިޔާސީ ގޮތުން އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ އަގުވައްޓާލައި އަދި ރައްޔިތުން ކުރަމުން އަންނަ އިތުބާރާއި ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި މިއީ ސީދާގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ފަހަތުގައި އޮވެގެން ކުރައްވާ ކަމެއް ކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަގާމުތަކުގައި ދިވެހި ދައުލަތަށް ޚިދުމަތްކޮށްފައިވާ މީހަކަށްވާއިރު، މިހާ ހިސާބަށް އައިއިރު، އަޅުގަނޑުގެ ހިޔާނާތުގެ ނުވަތަ ފައިސާގެ މައްސަލައެއް ދުވަހަކުވެސް ޖެހިފައިނުވާއިރު، މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގަވާ މިފަދަ ޢަމަލުތަކަކީ ދިވެހި ރައްޔިތުންވެސް ގާބޫލުކުރާނޭ ކަމެއް ނޫން ކަމުގައި އަޅުގަނޑު ދެކެމެވެ.

– ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓާލައި، މިނިވަން އިންތިހާބަކަށް ފުރުސަތު ދެއްވުމަށް ވެސް ނާޒިމް ގޮވާލެއްވިއެވެ. އަދި އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން ސިޔާސީ ނުފޫޒުގައި ނުޖެހި، މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ރިޔާސީ އިންތިހާބަށް އެމްއެންޕީއިން ކުރާ "އުޖާލާ ޒަމާން" ކެމްޕެއިން އިފްތިތާހުކޮށް، ނާޒިމަށް ރިޔާސީ ޓިކެޓް ދިނީ މެއި 27 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.