މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ނަމެއްގައި ބާއްވާ ޖަލްސާއެއް: ރޮޒޭނާ

މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ނަމެއްގައި ބާއްވާ ޖަލްސާއެއް: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2023 10:54
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގައި ޖަލްއެއް ބޭއްވީމޭ ބުނަން އެއްވެސް ކަމެއް ހާސިލް ނުވާގޮތަށް ނަމެއްގައި ބާއްވާ ޖަލްސާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު ބާއްވައި ޖަލްސާގައި ހަމައެކަނި ކޮމެޓީތައް އެކުލަވާލުމަށް ބަހުސް ކުރުމަށް މަޖިލިސް ރައީސް އެޖެންޑާކޮށްފައި އޮތުމުން ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ހެން ހުއްޓިފައި އޮތް އޮތުމަށް ރޮޒޭނާ ވިދާޅުވީ މިޖަލްސާއަކުން މަޖިލީހުގައި ހުރި އެއްވެސް މަސައްކަތެއް ކުރެވިގެން ނުދާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅައި އެކަންވެސް ނުނިހގައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލައަކީ ރޮޒޭނާ މުގައްރިއުކަން ކުރާ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ބަލާ މައްސަލައެކެވެ.

މަޖިލީހުގެ ޖަލްސާއެއް ބޭއްވީމޭ ބުނަން ބާއްވާ ޖަލްސާއެއް މީ މިއަދު. ހާސިލްވާނެ އެއްވެސް ކަމެއް ނެތް. ކޮމެޓީތައްވެސް އެކުލަވާލަން ފުރުސަތެއް ނުދިން. ޗުއްޓީއަށް ދަނީ އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއްވެސް ނުނަގާ. 5 މެމްބަރުން ނެތި ރިޔާސީ އިންތިޚާބަކަސް ގޮސް މައްސަލަތައް ނިންމުމުގަ އެތައް ދަތިތަކެއް ދިމާވާނެ.

– ރޮޒޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮއިއާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ.

އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.

މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ. ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.