ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމަށް އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް މިނިސްޓްރީގައި ބޭއްވުނު ކަމަށެވެ.
މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.