ސަނީ ކޯވިޑަށް ޕޮޒިޓިވް!

ސަނީ ކޯވިޑަށް ޕޮޒިޓިވް!

ބޮލީވުޑްގެ ވަރުގަދަ އެކްޓަރ އަދި މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާހްގެ މެމްބަރު ސަނީ ޑިއޯލް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ސަނީ ޑިއޯލް ކޯވިޑް-19އަށް ޕޮޒިޓިވް ވިކަން އޭނާ ވަނީ އިއްޔެ ކުރި ޓްވީޓެއްގައި ހާމަކޮށްފައެވެ. އޭނާ މިހާރު އަމިއްލައަށް އެކަހެރި ވެގަން ހުރި ކަމަށާއި، ހާލު ރަނގަޅު ކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

ހިންދީ ބަހުން ސަނީ ކުރި ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ ފާއިތުވި ދެތިން ދުވަހު އޭނާ އާއި ބައްދަލުވި އެންމެން ވެސް އަމިއްލައަށް އެކަހެރިވެ ކޯވިޑަށް ޓެސްޓުކޮށް ޔަގީން ކުރަން އޭނާ އެދޭ ކަމަށެވެ.

64 އަހަރުގެ އެކްޓަރ އަދި ގާނޫނު ހަދާ މަޖިލީހުގެ ބީޖޭޕީ މެމްބަރު ސަނީ ދާދިފަހުން ކޮނޑުގެ އޮޕަރޭޝަނެއް މުމްބާއީގައި ކުރުމަށްފަހު މަނާލީގެ ފާމްހައުސްގައި ގެންދިޔައީ އަރާމުކުރަމުންނެވެ. އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވީ ރައްޓެހިންނާއެކު މުމްބާއީއަށް ދަތުރު ކުރުމުގެ ކުރިން ހެދި ކޯވިޑް ޓެސްޓުން ކަމަށް ހިމާޗަލް ޕްރަދޭޝްގެ ހެލްތު ސެކްރެޓަރީ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ފިލްމީ ދާއިރާއިން ސަނީގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ޑިއޯލް އާއިލާގެ އާއިލީ ފިލްމު "އަޕްނޭ 2″ގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަންނަ އަހަރުގެ މަރޗް މަހު ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމުގައި ޑިއޯލް އާއިލާގެ 3 ޖެނެރޭޝަން ފެނިގެން ދާނެއެވެ. އެއީ ސަނީއާއި ކޮއްކޮ ބޮބީ ޑިއޯލާއި ބައްޕަ ދަރަމް ސިންގް ޑިއޯލް ނުވަތަ ދަރުމެންދުރާ އާއި ސަނީގެ ދަރިފުޅު ކަރަން ޑިއޯލެވެ.

މިއީ ސަނީ އާއި ބޮބީގެ އިތުރުން ދަރުމެންދުރާ ހިމަނައިގެން ޑައިރެކްޓަރ އަނިލް ޝަރުމާ 2007 ވަނަ އަހަރު ގެނެސްދިން ފިލްމު "އަޕްނޭ"ގެ ސީކުއެލް އެކެވެ. ފިލްމު ސިނަމާތަކަށް އަނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *