މީގެ 100 އަހަރު ކުރިން އަޑިއަށް ގޮސްފައިވާ، މަޝްހޫރު ޓައިޓޭނިކް އާގު ބޯޓު ބެލުމަށް ކަނޑު އަޑިއަށް ދަތުރު ކުރި ސަބްމެރިންއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އޯޝަންގޭޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ކުޑަ ސަބްމެރިންއެއްގައި 5 މީހަކު ކަނޑު އަޑިއަށް ދަތުރު ފަށާފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް ދަތުރު ފެށިތާ 1 ގަޑިއިރާއި 45 މިނިޓް ފަހުން ސަބްމެރީންއާއި ވަނީ ގުޅުން ކެޑިފައެވެ.
ސަބްމެރިންގައި ދަތުރު ކުރަމުން ދިޔަ 5 މީހުންގެ ތެރޭގައި އިނގިރޭސި ރައްޔިތުކަން އޮންނަ ޕާކިސްތާނުގެ ވިޔަފާރަވެރިއެއް ކަމުގައިވާ ޝަހުޒާދާ ދާއޫދުއާއި އޭނާގެ ދަރިކަލުން ސުލެއިމާންގެ އިތުރުން އިނގިރޭސި މަހުޖަނު އަދި އެކްސްޕްލޯރައެއް ކަމުގައިވާ ހަމިޝް ހާޑިން ހިމެނެއެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސަބްމެރިންގައި ދެން ތިބި ކަމަށް ބެލެވެނީ، ކަނޑުއަޑިއަށް ކުރާ ދަތުރު ހަމަޖެއްސި ކުންފުނި ކަމުގައިވާ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓަން ރުޝްގެ އިތުރުން ފްރެންޗް އެކްޕްލޯރާރއެއް ކަމަށްވާ ޕައުލް-ހެންރީ ނާގިއޮލެޓްއެވެ.
ކަނޑުއަޑީގައި ޓައިޓޭނިކް އޮތް ސަރަހައްދާއި ހަމައަށް ދިއުމަށް އާންމުކޮށް ވިއްކާ ޓިކެޓްގެ އަގަކީ 250،000 އެމެރިކާ ޑޮލަރެވެ.
ސަބްމެރިން ހޯދުމަށް އާދިއްތަ ދުވަހުން ފެށިގެން މިހާތަނަށް ކުރަމުން އައި މަސައްކަތުން ސަބްމެރިންގެ ޚަބަރެއް އަދި ވެފައި ނުވާއިރު، ސަބްމެރިންގައި ހުންނާނީ ހޯމަދުވަހުން ފެށިގެން ކުރިޔަށް އޮތް 4 ދުވަހަށް ވާވަރުގެ އޮކްސިޖަން ކަމުގައި، ސަބްމެރިންގެ ވެރިފަރާތްކަމަށްވާ އޯޝަންގޭޓު ކުންފުނިން ބުނެފައި ވެއެވެ. 5 މީހުން ކަނޑުގެ އަޑިއަށް ދަތުރުކުރަމުންދިޔަ ކުޑަ ސަބްމެރިންއަކީ 4،000 މީޓަރު ފުނަށް ދިއުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރިންއެކެވެ.
ގެއްލިފައިވާ ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ އެމެރިކާ އަދި ކެނެޑާގެ ޓީމްތަކުންނެވެ.
ސަބްމެރިން ގެއްލިފައިވަނީ، އެމެރިކާގެ މަސަޗުސެޓްގެ ކޭޕް ކޯޑްގެ ކަނޑުގެ 1،448 ކިލޯ މީޓަރު ބޭރުންނެވެ. ސަބްމެރިންނާއާއި ގުޅުން ކެނޑިފައިވަނީ ކަނޑުގެ އަޑިން 13،000 ފޫޓު އަޑިއަށް ދިޔަފަހުންނެވެ.

ޓައިޓޭނިކް އަޑިއަށް ގޮސްފައިވަނީ 1912 ވަނަ އަހަރު އެޕްރިލްމަހުގެ 15 ވަނަ ދުވަހު، ގަނޑުފެންގަަޑެއްގައި ޖެހިގެންނެވެ. ގަނޑުގެންގަޑެއްގައި ޖެހުނުތާ އެންމެ ދަގަޑިއިރު ތެރޭ ޓައިޓޭނިކް، އެޕްރިލްމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:20ގައި އަަޑިއަށްދިޔަ ހާދިސާގައި 1،500 މީހުން މަރުވިއެވެ. ބޯޓުގައި 2,224 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ. ޓައިޓޭނިކް އޮތީ ކަނޑުގެ 12،500 ފޫޓު ފުނުގައެވެ.
އެ ބޯޓަކީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ބޯޓެވެ. 1912 ވަނަ އަހަރު މި ބޯޓު އަޑިއަށް ދިޔަފަހުން، ކަނޑު އަޑިން ބޯޓު އޮތް ސަރަހައްދު ހޯދިފައިވަނި 1985 ވަނަ އަހަރުއެވެ. އެއަށްފަހު މި ބޯޓު އޮތް ސަރަހައްދަކީ ކަނޑުއަޑިއަށް ދަތުރުކުރާ ފަތުރުވެރިންގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.
ކޮމެންޓު ފޮނުވާ