ރިޔާސީ އިންތިޚާބުގެ ޓެސްޓަށް ސަރުކާރަށް ވާންޖެހޭ ތައްޔާރީތަށް ނުވެވެމުން މަސައްކަތް ކުރައްވަނީ އެހެން މީހުންގެ ފޮތްތައް އަތުލަން ކަމަށްބުނެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިފަހުން ޖޭޕީއާއި ގުޅިވަޑައިގެން ސިޔާސީ މަސައްކަތަށް ނިކުންނަވާފައިވާ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ އަދި ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.
ހައިލަމް ވިދާޅުވީ ސަރުކާރަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އެންމެ ރަނގަޅަށް ނުވެވުމަކީ އެއްވެސް ހާލެއްގައި އެހެން މީހުންގެ މަސައްކަތަށް ހުރަސް އަޅަންޖެހޭ ކަމެއް ނޫންކަމަށެވެ. މިފެނިގެންދަނީ އެހެން މީހުން އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކަށް ސަރުކާރުން ހުރަސް އަޅާތަންކަމަށް ހައިލަމް ވިދާޅުވިއެވެ.
ސަރުކާރުން މިއުޅެނީ އެބޭފުޅުންނަށް ޓެސްޓަށް ތައްޔާރު ނުވެވުނީމާ އެހެން މީހުންނަށް ޓެސްޓުގައި ބައިވެރިނުވެވޭގޮތް ހަދާ އެހެން މީހުންގެ ފޮތްތައް އަތުލަން. މިއީ ވަރަށް ހަޑިގޮތެއް.
– ހައިލަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެމެންބަރުން ކަމަށާއި، ދެމެންބަރަކު ވޯޓް ދިނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި ދެމެންބަރުން ވިދާޅުވާ ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް ތިން މަސްދުވަހުގެ މުހުލަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭތީ އޭގެ ކުރިން އެހުއްދަ ދޭން ދެމެންބަރުން ބޭނުންފުޅެއް ނުވެއެވެ.
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ދެކޮޅު ހައްދަވަނީ އިލެކްޝަންސް ކޮމިޝަންގެ ކޮން ދެމެންބަރުންނެއް ކަމެއް ފުއާދު ހާމައެއް ނުކުރެއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށް މައުލޫމާތު ލިބެއެވެ. ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ. އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.
One Response
ގާސިމަކީ މޮޔަބަޅެއް އެހެންބަޔަކު ރާވައަގެން ޖޭޕީއަށް ފޮނުވި އެޖެންޓެއް ހައިލަމަކީ