ހަތިޔާރު ގެންގުޅުމުގެ ބާރުދީ ފުލުހުންގެ ބިލު ކޮމިޓީން ފާސްކޮށްފި

ހަތިޔާރު ގެންގުޅުމުގެ ބާރުދީ ފުލުހުންގެ ބިލު ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 09:14
0

ހަތިޔާރު ގެންގުޅުުމުގެ ބާރުދީ ފުލުހުންގެ ބިލު 241 ކޮމިޓީން ފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލަށް ހުށަހެޅުނު އިޞްލާޙްތަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ރަތްޔިތުންގެ އިތުބާރުލިބިފައިވާ އަދި ލާމަރުކަޒު ކުރެވިފައިވާ ޚިދުމަތެއްގެ ގޮތުގައި ރަނގަޅު ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެ ގޮތައް ބައްޓަންކުރެވިފައިވާ ބިލެއްކަމަށް ކޮމިޓީން ބުނެއެވެ. ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

ބިލު ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށަހަޅާފައިވާއިރު، ބިލުގައި އެންމެބޮޑު ނުތަނަވަސްކަމެއް އުފެދުނު ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުމުގެ މާއްދާ ވަނީ ކޮމިޓީން ފާސްކޮށް ބިލުގައި ހިމަނާފައެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ޖުމްލަ 22 ބާބެއްގެ މައްޗަށް އެކުލެވޭ މިބިލަކީ ޒަމާނީ ފެންވަރަކަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އެކުލަވާލެވިފައިވާ ބިލެކެވެ.

ފުލުހުންގެ ބިލުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތައް:

– ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް އަމަލުކުރާ ފުލުހުންނަށާއި، ނަހަމަގޮތުގައި ފުލުހުންގެ ނާޖައިޒް ބޭނުންތައް ކުރާ ފުލުހުންނާމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން.
– މާލޭގެ އިތުރުން ފުުލުހުންގެ އިދާރާ ލާމަރުކަޒީ އުސޫލުން ހިންގާނެ 7 ސަރަހަދެއް ކަނޑައެޅުން.
– ކޮންމެ ސަރަހައްދެއްގައި ރީޖަނަލް ޕޮލިސް ކޮމިޝަނަރެއް (ޑެޕިއުޓީ ކޮމިޝަނަރގެ ލެވެލްގައި) ކަނޑައެޅުން.
– ކޮންމެ ސަރަހައްދެއްގައިވެސް ހިނގާ ކަންކަން އެސަރަހައްދެއްގެ ރީޖަނަލް ކޮމިޝަނުން ބަލައި ފިޔަވަޅު އަޅައި ތަންފީޒުކުރާނެ ގޮތްތަކެއް އެސަރަހައްދުގައި ކަނޑައެޅުން.

ފުލުހުންގެ ބިލާއިމެދު އެމްޑީޕީގެ ޕީޖީ ތެރޭގައި ޚިޔާލު ތަފާތުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބިލަށް ހުށަހެޅުއްވި އެއްވެސް އިއްލަހެއް ކޮމިޓީން ބަލައިގެންފައި ނުވެއެވެ. މިކަމާއި ހިތްހަމަ ނުޖެހި މަޖިލިސް ރައީސް ވިދާޅުވީ ފުލުހުންގެ ބިލަކީ އެބިލާއިމެދު މަޝްވަރާ ކުރަމުން ދިޔަ އިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައިބިލެއްކަމަށާއި، ނަމަވެސް ބިލުގައި އެމަނިކުފާނުގެ ބައިވެރިވުން ކޮމިޓީން ނުހިމެނިކަމަށެވެ.

މަޖިލިސް ރައީސް ވަނީ ފުލުހުންގެ ކަންކަމުގައި އެމަނިކުފާނު ބައިވެރި ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ބިލަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައް ފާސް ނުކުރުމަކީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ބިލަކީީ އެއްވެސް ފުލުހަކަށް އަމާޒުކޮށް ބަދަލުހިފުމާއި ދެކޮޅު ހެދުން ކަހަލަ ކަމެއް ކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް މަޖިލިސް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.