ދިވެހި މަސްވެރިންނަށް އެކި ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށާއި، މިކަންކަމަށް ހައްލު ގެނެވޭނީ ދިވެހި މަސްވެރިންގެ އަޑު އަހައިގެން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކޮށްގެން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ކޯލިޝަންގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ގާސިމަށް ވަނީ އަރުވައިފައެވެ. ގާސިމް ވަނީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، 23 ދާއިރާއަކުން ވައުދުތައް ފުއްދަވައި ރައްޔިތުންގެ ހާސްކަން ފިލުވާލައި އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ގާސިމް ސިފަ ކުރެއްވި ގޮތުގައި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ ރާއްޖެ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ އަދި "ރަން ޒަމާނެއް" ހޯދައި ދޭނެ ފަސް އަހަރު ދުވަހުގެ ވެރިކަމެކެވެ.
ޤާސިމް ގެންދަވަނީ ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑު އަހަމުންނެވެ. އެގޮތުން މިއަދު ވަނީ ބައެއް މަސްވެރިންނާއި ބައްދަލު ކޮށްފައެވެ. ޤާސިމް ވިދާޅުވީ މަސްވެރިންގެ އަޑު އަހައި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަކީ އކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ސަރުކާރުތަކުން މަސްވެރިންނަށް ވެފައިވާ އިހުމާލުވުންތަކަށް ހައްލު ގެނައުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ.
– ޤާސިމް ވިދާޅުވިއެވެ.
ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ. pic.twitter.com/BgE1bHg2O4
— Qasim Ibrahim (@qasimibrahim) June 16, 2023
ރާއްޖޭގެ އެހެން ސިޔާސީ ފިކުރުތައް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެއީ ވަރަށް ނިކަމެތި، ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ހޯއްވަވައި ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ އޭނާގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި އެންމެ މަތީ މިންވަރަކަށް އެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާ އެކު އަދާ ކުރައްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ވެރިކަމުގެ އިންތަައް ކަނޑައެޅުމުގެ މޭސްތެރިން އުފެއްދި ފިކުރެވެ. އަދި އެއީ ޒުވާނުންނާއި ހަރު މީހުންނަށް ބޭނުންވި އިސްލާހުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި "އެންމެ ބޮޑު ރިސްކުތައް ނެގި ރީފޯމިސްޓުންގެ ފިކުރު" ކަމަށް އޭނާ ވިދާޅުވިއެވެ.