ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ހާލަތުން އަރައިގަނެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުވާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިދައުރު ފެށުނު ފަހުން މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތަކަށް ކުރިއށް ނުގެންދެވި، މަޖިލިސްގެ ކޮމެޓީތައްވެސް ހުއްޓުވާފައިވާ މައްސަލާގައި ކުރެއްވި ޓުވީޓުގައެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް ހުއްޓުވާލާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
މެމްބަރު ޝަރީފް ވިދާޅުވީ މަޖިލިސް ހިސޯރުކޮށް މަޖިލީހުގައި މަރު ތަޅު އަޅުވާފައިވާ ހާލަތުން އަރައި ގަނެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުވާކޮށްގެން ކަމަށެވެ. މަޖިލީހުގެ ރައީސް ނަޝީދާއިމެދު ފިޔަވަޅު އަޅައިގެން ނޫންގޮތަކަށް މަޖިލިސް ކުރިއަށް ގެންދެވޭނެ މަގެއް ނުފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ހިސޯރުކޮށްފަ އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ޤާނޫނީ ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް. އަފީފް ވެސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގަސްތެއް ނުކުރައްވާ. ނިޔަތެއްވެސް ނެތް.
– ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި ވަނީ މެދު ކަނޑާލާފައެވެ. ހުއްޓިފައި އޮތް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތަށް ގަވާއިދަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މުހިންމު އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅޭ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ ބޭފުޅަކު ކަނޑައެޅުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް ދިނުމާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅާ މައްސަލައެއްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަވާނެ ވަގުތުގެ ދިގުމިން ކަނޑައެޅުމުގެ ބާރު އަމީން އާންމަށް ދިނުމާއި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް ރައީސް ކަނޑައަޅުއްވުން ހިމެނެއެވެ.
މަޖިލިހުގެ ރިޔާސަތު ހުސްވާ ހިސާބަށް މީގެ ކުރިން ދުވަހަކު ވެސް ގޮސްފައި ނެތް އިރު މަޖިލިހުގެ ރައީސް ނަޝީދު އިއްޔެ އެ ކަން ކުރެއްވި ހުތުރު ގޮތް މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު މެމްބަރުން ވެސް ގަބޫލެއް ނުކުރައްވައެވެ. ސިޔާސީ މި ހޫނު ދަނޑިވަޅުގައި ބޭކާރު ޒުވާބެއްގެ ތެރެއަށް ވަޑައިގަންނަވަން ބޭނުން ނުވާތީ ނަން ޖަހައިގެން ގިނަ ބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވަން ބޭނުމެއް ނުވެއެވެ.