މަސްވެރިކަމުގެ ހަރަކާތްތަކުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމަށް އެ ރަށެއްގެ ބެލެނިވެރި ފަރާތުގެ ހުއްދަ ލިބިގެން މަސްވެރިކަން ކުރުމުގެ އިސްލާހު އާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން އާއްމުކުރި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤަވާއިދު ( ޤަވާއިދު ނަންބަރު:- 2023/R-123) ގައި ބުނެފައިވާގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަހައްދުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނޭގޮތަށް، ރަށު ފެންވަރުގައި ސަގާފީގޮތުން ކުރާ މަސްވެރިކަމުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނ،ީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތުގެ މަތިން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަކުން ހުއްދަ ލިބިގެންނެވެ. އަދި ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުފަޅުންނާއި، މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުންނާއި، ދައުލަތުގެ އެހެން އިދާރާއެއްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށުގެ ފަޅުން ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރަންވާނީ އެ ރަށެއްގެ ބެލެނިވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ.
މީގެ އިތުުރުން މި އިސްލާހުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރެއިން މަޑިއާއި އަދި ވެލަޔާއި ކަނހަބާއި އޭގެ ބިސް މިހާރު ވަނީ އުނިކޮށްފައެވެ. މި ބަދަލު ގެނައީ، އެ ބާވަތްތަކަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"ގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އެކުލަވައިލާފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް ވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި އިސްލާހުގައި، ފިޝަރީޒް މިނިސްޓްރީން ތައާރުފުކުރި، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަން ކުރެވޭނެ އުސޫލުވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެފަދަ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ އެއް މޭލު ސަރަހައްދުގައި ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅައިފައިވާ ކަނދުފައްޗެއްގެ ވަށައިގެންވާ ތިންމޭލުގެ ސަރަހައްދުގައި ވައިފުޅި އަޅައިގެން ފީނުމާއި، ދިރޭ އެންޖަހައިގެން އަޑިއަށް ފެތުމާއި، ނަނު ނުވަތަ ރޯލު ދޫކުރުމާއި އެމުގެ ގޮތުގައި ތާވަޅު ބޭނުންކުރުން ފަދަ ކަންކަން ކުރުން މަނާވާނެއެވެ.
މީގެ އިތުރުން ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލު ސަރަހައްދުގައި ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމަކީވެސް މަނާ ކަމެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި އިސްލާހު ގެނައުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ސަރުކާރުގެ އެހެން އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި އެ އިދާރާތަކުން ތަންފީޒު ކުރަމުންދާ ގަވާއިދުތަކާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ބައެއް ފުށުއެރުންތައް ހައްލުކޮށް، ގަވާއިދު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ހައްލުތައް ހޯދުމެވެ.
2 Responses
ފެށުނީއްސުރެ ދިވެހިރާއްޖެ އަކީ މަސްވެރިކަމަށް ގެއްލުން ނުވާގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ދޮށި ބޭނުންކޮށްގެން ކުރާގައުމެއް. އެހެންނަމަވެސް ރީނދޫ ޖާހިލުންގެ ޕާޓީ އަށް ވެރިކަން ލިބުމާއެކު އެކަމުގައިވެސް ނިމުމުގެ ސިއްކަ ޖެހުނީ.
ޮ