ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އިފްތިތާހްކޮށްފިއެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، މިހާރު ރާއްޖޭގައި ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވެނީ އެންމެ 27 އިންސައްތަ ސްކޫލުގައިކަމަށެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޑަބްލިއުއެޗްއޯ އަދި ޔުނިސެފްގެ އެހީގައި ގާއިމްކުރާ މި ހެލްޕްލައިނަކީ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވޭ ހެލްޕްލައިނެއްކަން ފާހަގަކުރައްވައި، މިއީ މިފަދަ ފުރަތަމަ ހެލްޕްލައިންކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19ގެ ތެރޭގައި ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ތިބެން ޖެހުމާއި، އޮންލައިންކޮށް ކިޔެވުމުގެ ކަންތައް ތަރުތީބުކުރަން ޖެހުމުގެ ސަބަބުން ނަފްސާނީގޮތުން ދަރިވަރުންނަށް އޭގެ އަސަރު ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެދުވަސްވަރުވެސް މުދައްރިސުން ނަފްސާނީ ފުރަތަމަ އެހީ ދިނުމަށް ތައްޔާރުކޮށް ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް، އިޖްތިމާއީ ހާލަތްތަކުގައި މުއާމަލާތުކުރުމާއި ގުޅުންތައް ގާއިމްކުރުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަފާސްހިސާބުން ދައްކާގޮތުގައި ބައެއް ދަރިވަރުންނަށް ކުރި ނަފްސާނީ އަސަރު ދާއިމީ ބައްޔަކަށް ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިކަންކަމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމުކަން ހާމަވެގެންދާކަމަށެވެ.
މި ހެލްޕްލައިނުގެ ސަބަބުން، ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި، ދަރިވަރުންނަށް އަރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސެލިންގ ހިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީ، އެކަމަށް ބޭނުންވާ ވަގުތު ދަރިވަރުންނަށް ލިބިގެން ދިއުމަކީ މި ހެލްޕްލައިން ތައާރަފުކުރުމުގެ މަގުސަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމަށް ގާއިމްކުރި މި ހެލްޕްލައިން 1484ގެ ހިދުމަތް، ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00ން ރޭގަނޑު 9:00ށް ލިބޭނެއެވެ. މި ހެލްޕްލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫންމަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ