ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީހުގައި މިހާރު އެޅިފައިވާ މަރުތަޅު ނެއްޓޭ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން މިއަދު ހުށަހަޅައިފިއެވެ.
އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމާއި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން ކޮމިޓީތައް އެކުލަވާލަންޖެހިފައިވުމުންނެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލާން ޖެހިފައިވުމަކީ ވެސް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.
އަމީން އާންމަށް ބޮޑެތި ބާރުތަކެއް:
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރާ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކު މަޖިލީހުގެ އަމީންއާންމު ކަނޑައަޅުއްވާ ގޮތަށް ގަވާއިދު އިސްލާހުކުރަން އަސްލަމް ވަނީ ހުށަހަޅުއްވައިފައެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސްގައި މެންބަރުން ވާހަކަދައްކާނެ ވަގުތު ކަނޑައެޅުމުގެ ބާރު ވެސް އިސްލާހުތަކުގައި ވަނީ އަމީން އާންމަށް ދީފައެވެ. އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ ދިފާއުގައި ވާހަކަދައްކަވަން އެ ބޭފުޅަކަށް 30 މިނެޓް ލިބިވަޑައިގަންނަވާނެއެވެ. އަދި އެ ވަގުތު ބޭނުންކުރާނެ ގޮތް އިހްތިޔާރުކުރުމުގެ ހައްގު އެ ބޭފުޅަކަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެއެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހު ތަކުގެ ތެރޭގައި ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުރުން މަޖިލީހުގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ފަސް މެންބަރުން ނެގުމަށްފަހު އެ ފަސް މެންބަރުން ތަރުތީބު ކުރަންވެސް އިސްލާހު ހުށަހަޅާފައިވެއެވެ.
ރިޔާސަތު ބަލަހައްޓާ ތަރުތީބަށް ވެސް ހައްލެއް:
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަޖިލިސް ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި މަޖިލިސް ބަލަހައްޓާނެ އިތުރު ފަސް މެންބަރުން ތިއްބަވަންޖެހެއެވެ. މި ފަސް މެންބަރުން ކަނޑައަޅަންޖެހެނީ މަޖިލީހުގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެންބަރުންނާއި އެ މެންބަރުންގެ އުމުރަށް ބަލައިގެންނެވެ.
މަޖިލިސް ރިޔާސަތު ބަލަން ނަގާ ފަސް ބޭފުޅުން ތަރުތީބު ކުރަންޖެހޭ ގޮތަށް ގަވައިދަށް އިސްލާހު ހުށަހަޅާފައި މިވަނީ ނަޝީދާއި އީވާ އަށް ފަހު މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ އަމަލުތަކާ މެދު އެމްޑީޕީގެ މެންބަރުންނަށް ޝައްކުތަކެއް ހުރުމުން ކަމަށް ބެލެވެ އެެވެ. ސަބަބަކީ އަފީފަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ އަދި އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން އުފައްދަވަން އުޅުއްވާ ޕާޓީ ދަ ޑިމޮކްރެޓްސްގެ މެންބަރަކަށް ވާތީއެވެ.
ރިޔާސަތު ބަލަން ނަގާ ފަސް މެންބަރުން ތަރުތީބު ކުރުމަށްފަހު އެއްވެސް ބަދަލެއް އެ ލިސްޓަށް އަންނަ ނަމަ އެ ބަދަލެއް އިއުލާންކުރަންވެސް އިސްލާހުގައި ލާޒިމުކޮށްފައިވެއެވެ.
މަޖިލީހުގެ ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ޤަވާއިދަށް އިސްލާހުތަކެއް ހުށަހެޅުމަކީ މުހިއްމުކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
2 Responses
މަޖިލީހާއެއްޗިހި އިސްލާހުކުރަން އުޅޭނީ ތިމާމެން އިސްލާހުވެފާކަން ހަމަ ތިމާމެނަށް ނޭނގެނީބާ!
އަމުރުކުރާން އެދޭނަމަ ކިއަމަން ވާން ދަސްކުރާށޭ ބުނާ އަޑުވެސް މި ކިއާ އެމްޑީޕީ ބައިގަނޑަށް ނޭގޭތަ؟
މަރުތަޅޭ ގަބުރު ކައްޓޭ ކިއާއިރު، ފުރަތަމަ ސަރުކާރުގެ މަރުތަޅުތަކާ ސަންދޯއްތަކާ ގަބުރު ކަށިތަކާ މުޅަމަސްތައް ނަގާ އުކާލާ ސަރުކާރުގެ މުޑުދާރުކަމާ ނުތާހިރުކަން ފިލުވާބަލާ،! ދުވާ މުޅަވަސްގަނޑުން ސަރުކާރުގެ އެއްވެސް މީހަކާ ކާރި ވެލާކަށް ނޯއްދަމާލާކަށް ނުކެރޭ، މުޅީންވެސް މުޅަ ތަކެތި ވިއްޔަ ކަނީ،