ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިޚާބަށް ފޯރުވޭ ނުފޫޒުތައް ކުޑަވެ، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގައި، މި ދެ އިންތިޚާބު އެކީގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައެވެ.
ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް އެދިވަޑައިގަންނަވަނީ ރަނގަޅު މަޤްޞަދެއްގައި ކަމަށެވެ. އަދި މިއީ ޤައުމުގެ ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ހަމަޖެހުން ޤާއިމުކުރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު ވަކިން ބޭއްވުމުން ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ ނުފޫޒު ފޯރުވުމުގެ ޖާގަ އޮވެއެވެ. ނަމަވެސް އެއް ދުވަހެއްގައި ވޯޓުލާނަމަ، އިންތިޚާބުވާނީ ކޮން ސަރުކާރެއްކަން ކުރިން ނޭނގޭނެތީ، އެ ފުރުސަތު ހަނިވެގެންދާނެއެވެ. އަދި ރިޔާސީ އިންތިޚާބަކީ އާންމުކޮށް އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އިންތިޚާބަށް ވުމުން، ހަމަ އެ ދުވަހު މަޖިލިސް މެންބަރުން ހޮވުމަކީ ރައްޔިތުންގެ ތަމްސީލުވުން އެންމެ ފުރިހަމައަށް ފެނިގެންދާނެ ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ޤާނޫނީ ގޮތުން އެއްވެސް ފުށުއެރުމެއް އޮތް ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ