ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން: ރައީސް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން: ރައީސް

Author
ހުސައިން
13 މާރޗް 2026 07:24
0

ކައުންސިލްތައް ބާކީކޮށް، އެ އިދާރާތަކުގެ ބާރު ކަނޑުވާލުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވެރިކަންކުރާ ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ނިޒާމެއް ކަމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އެންމެ ފުރިހަމައަށް ކުރެވޭނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަމަށާއި، އޭގެ އެންމެ ބޮޑު މަންފާއެއް ލިބޭނީވެސް ރައްޔިތުންނަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަކުރުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ މަންދޫބުންތަކެއް ކައުންސިލްތަކުގައި ތިބުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތައް އިޚްލާޞްތެރިކަމާއި ހެޔޮ ނިޔަތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް އިންތިޚާބުގައި މާލެއާއި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ގޮނޑިތަކަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެކަމުގެ ނަތީޖާ ރައްޔިތުންނަށް ވަރަށް ފޮނިވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.