ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ އައިޑީ ކާޑު ނަމްބަރު ހިމަނަން ޖެހޭ ގޮތަށް ގެނައި ބަދަލު އިސްލާހުކޮށް، އިހްތިޔާރީ ކަމަކަށް ހަދައިފިއެވެ.
ޕާޓީތަކަށް ވަންނަން އެދޭ ފޯމު އިސްލާހުކޮށް، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެނައުމުގެ ގަވައިދު މިދިޔަ މަހު ގެޒެޓްކޮށްފައި ވަނީ ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ ނަމާއި އައިޑީކާޑު ނަމްބަރު ވެސް ޖެހުން ލާޒިމް ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީގެ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި ވަނީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމާއި މެންބަރަކަށް ވުމަށް އެދޭ ފޯމު އިޞްލާޙުކޮށްފައެވެ.
މީގެ ކުރިން ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ ނަމާއި އައިޑީކާޑު ނަމްބަރު ވެސް ޖެހުން ލާޒިމް ކޮށްފައިވެއެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައިވަނީ އެކަން އިހްތިޔާރީ ކަމަކަށް ހަދާފައެވެ.
މި އިސްލާހު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކުން މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ. އަދި މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މި ބަދަލު ގެނައުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްފައެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ އަކީ އަބަދުވެސް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެކަން ހުއްޓުވުމަށް އީސީން ވަނީ ފޯމު ހުށަހަޅާ ހިސާބުން އެ މީހަކަށް އެސްއެމްއެސް ފޮނުވަން ވެސް ނިންމައިފައެވެ.
ކޮމެންޓު ފޮނުވާ