އަމާޒުހުރީ ބޮޑެތި އެތައް މައްސަލައެއް ހައްލުކުރުމުގެ ރަނގަޅު މިސްރާބަށް: އިމްރާން

އަމާޒުހުރީ ބޮޑެތި އެތައް މައްސަލައެއް ހައްލުކުރުމުގެ ރަނގަޅު މިސްރާބަށް: އިމްރާން

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2023 08:04
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މިސަރުކާރުގެ އަމާޒު ހުރީ ބޮޑެތި އެތައް މައްސަލައެއް ހައްލުކުރުމުގެ ރަނގަޅު މިސްރާބަށް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިސަރުކާރުގެ ވެރިކަމުގެ ދައުރު ހަމަވާން ކުރު މުއްދަތެއް އޮތްއިރު، ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތައް ފުއްދުމުގައި އެންމެ އެކަށީގެންވާ މަސައްކަތް ނުކުރެވި ވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް، ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންނާއި، ވައްކަމުގެ ބޮޑެތި މައްސަލަތަކަށް އިންސަފު ލިބިފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ނަމަވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޞާލިހުގެ މިސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގައި އެތައް ދުވަހެއް ވަންދެން ހުރި ބޮޑެތި އެތައް މައްސަލަތަކަކަށް ހައްލު ހޯއްދެވުމަށް ކަމުގައެވެ. ސަރުކާރުން މިކަންކަމަށް ހައްލު ހޯދުމަށް ކުރެއްވި މަސައްކަތުން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސަރުކާރު މަސައްކަތް ކުރަމުންދަނީ އެތައް އަހަރަކުއްސުރެ އުފެދިފަ ބޮޑުވެފައިވާ ބޮޑެތި އެތައް މައްސަލައެއް ހައްލުކުރުމުގެ ރަނގަޅު މިސްރާބަށް.

– އިމްރާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން އިމްރާންގެ އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާންގެ ޕާޓީން އެގޮތަށް ނިންމުމާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިއުން ވެސް ޕާޓީ އަށް އަމާޒުވިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތުގެ ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީ ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު، އެއްބުރުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.