ދީނީ ޢިލްމުވެރިން، ސިޔާސީ ވާހަކަ ދެއްކުން މަނާކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
މިމައްސަލާގައި ދީނީ ގިނަ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީގެ އިލްމުވެރިންވެސް ހިމެނެއެވެ.
އިމްރާން ވިދާޅުވީ ދީނީ އިލްމުވެރިން އެބޭފުޅުންގެ ޢިލްމީ ހަމަތަށް ހިފަހައްޓާހާ ހިނދަކު، ދެއްވާ ދަރުސްތަކާއި، އެކި ފޯރަމްތަކުގައި ސިޔާސީ ވާހަކަ ދެއްކުން މަނާ ނުކުރެވޭނެ ކަމަށެވެ.
ދީނީ އިލްމުވެރިން، ޢިލްމީ ހަމަތައް ހިފަހައްޓާހާ ހިނދަކު ސިޔާސީ ވާހަކަ ދެއްކުން މަނާކުރެވޭނެ ހަމައެއް ސަބަބެއް ނޯންނާނެ.
– އިމްރާން ވިދާޅުވިއެވެ.
މިމައްސަލާގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ އިލްމުފެތުރުމާއި، މައުލޫމާތު ދިނުމާއި، ދަރުސްތަކުގައި ދައްކަންޖެހޭ ވާހަތައް ކަނޑައެޅުމުގެ ހައްގު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.
ގަވާއިދު މިހާރު އޮތް ގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައަޅާފައި އޮތް އިރު، ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދާ މީހުން ކުރުން މަނާ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި ވެ އެވެ. ސުލޫކީ މިންގަނޑުތައް އޮތީ އެ ގަވައިދުގެ 24 ވަނަ މާއްދާގެ ހ. ގައެވެ.
ދީނީ އެކިއެކި މުނާސަބަތުގައްޔާއި ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އީސީން ގެޒެޓްކުރި ގަވައިދުގެ 24 ވަނަ މާއްދާގެ ބުނެފައިވެއެވެ.
ހަމަ އެ މާއްދާގެ ހ. ގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި އޮތީ "ސްކޫލްތަކާއ، މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ" ކަމަށެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ވެސް އެ ގަވާއިދުގައި ވަރަށް ތަފްސީލު ގޮތެއްގައި މަނާކޮށްފައިވެއެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބަހައްޓާ ޕޯސްޓަރާއި އެނޫން ވެސް ތަކެތި ނެއްޓުވުމާއި ހަލާކުކުރުން އެގޮތުން މަނާކޮށްފައިވެއެވެ. އެއް ކެންޑިޑޭޓަކު ނުވަތަ އޭނާއަށް ތާއީދުކުރާ ބަޔަކު ބާއްވާ ބައްދަލުވުމަކާ ދިމާކޮށް، އެއްތަނެއްގައި ހަމަ އެއް ވަގުތެއްގައި އެހެން ކެންޑިޑޭޭޓެއްގެ ބައްދަލުުވުމެއް ބޭއްވުން ވެސް އެ ގަވައިދުގައި އޮތީ މަނާކޮށްފައެެވެ.
ކޮމެންޓު ފޮނުވާ