ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލީ އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވެގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިޔުޝާ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ހުށަހަޅަން ގަވާއިދު ބުނާ ގޮތުން މާދަމާ ޖަލްސާއެއް ބާއްވަންޖެހެއެވެ. އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ. އެކަމަކު ކޮމެޓީތައް އެކުލަވާލެވިފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފޮނުވި ސިޓީގެ ޖަވާބުގައި މަޖިލިސް އަމީން އާންމު ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތަށް އައި ބަދަލާ އެކު، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އިއުލާން ކުރެއްވި ކަމަށެވެ. ނަމަވެސް އެމަސައްކަތް މަޑުޖައްސާލީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އެެދިވަޑައިގަތުމުން ކަމަށެވެ.
މަޖިލީހުގެ ރައީސް އެ ގޮތަށް އިއުލާނުކުރައްވާފައި ވަނިކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ހަމައަށް ބަދަލުގެންނެވުމަށް މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މަނިކުފާނު އެދިވަޑައިގެންނެވުމުން، އެ ޖަލްސާގައި އެ މައްސަލަ ވޯޓަށް އެހުން ފަސްކުރައްވައި މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ހ)ގެ ދަށުން ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާކުރައްވައިގެން އަލުން އެ ނިސްބަތް ކަނޑައެޅުވުމަށް މަޖިލީހުން ނިންމެވި.
– ނިއުޝާގެ ސިޓީގައިވެއެވެ.
އަސްލަމް ނިޔުޝާއަށް ފޮނުވާފައިވާ ސިޓިގައިވާ ގޮތުން، މަޖިލީހުގެ އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އީވާ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އަސްލަމް ވަނީ، މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ)އާ ހަވާލާދެއްވައި އެމްޑީޕީގެ ސްޓޭންޑަކީ އެއީކަން ހާމަކުރައްވާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނިޔުޝާގެ ސިޓީގައިވާ ގޮތުން، އަސްލަމް ގަވައިދުގެ އެ މާއްދާ މާނަކުރައްވާފައިވަނީ ގޯސްކޮށެވެ. ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނ،ީ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރުން ނުވަތަ ގޮތެއް ނިންމުން މަނާވެގެންވަނ،ީ އެ ޤަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ޤަރާރު ހުށަހެޅުމަށްފަހުގައިކަމަށެވެ.
އެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް ވެސް އަމީން އާއްމު ވިދާޅުވިއެވެ. އެހެންކަމުން 23 މޭ 2023 ގައި މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާމަށް ނިއުޝާ ވަނީ ވިދާޅުވެފައެވެ.