ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ބިދޭސީ ކޯޗް އާސިފް ހާންގެ މައްޗަށް ދައުލަތުން އުފުލި ސާބިތުވެ އޭނާ 53 އަހަރަށް ވުރެ ދިގު މުއްތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލިއެވެ. މީގެ ތެރެއިން މިއަދު ސާބިތުވީ، ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާއާއި، ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާގެ އިތުރުން ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާ އެވެ.
މިދައުވާތަކުގެ އަދަބަކީ 53 އަހަރާއި ދެ މަހާއި ހަތް ދުވަހެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ހުކުމަކީ 25 އަހަރު ކަމަށްވާތީ އޭނާގެ ހުކުމަކީ އުމުރުގެ ދުވަހުގެ ޖަލު ހުކުމެކެވެ. އާސިފް ހާންގެ މައްޗަށް ކުށް ސާބިތުވީ އޭނާގެ އަމަލުތަކުގެ ޝިކާރައަކަށްވި ކުދިން ތަހުގީގަށް ދީފައިވާ ބަޔާންތަކުންނެވެ.
އާސިފްގެ މައްޗަށް 2019 ވަނަ އަހަރު ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވުމާ އެކު އޭނާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ ހައްޔަރުކޮށް މުއްދަތު ޖަހަން ގެނައުމުން ކޯޓުން ފުރަތަމަ އޭނާ ދޫކޮށްލިއެވެ. އެއީ ބަންދުގައި ބެހެއްޓިތާ 24 ގަޑިއިރު ފަހުން ކޯޓަށް ހާޒިރުކުރުމުންނެވެ. އެކަމަކު އޭރު އޭނާ ދޫކޮށްލީ 30 ދުވަހުގެ މުއްދަތަށް ހިފައްޓާ ރާއްޖެއިން ފުރުން މަނާކޮށްފައެވެ. އެހެންވެ ފަހުން އޭނާ ހައްޔަރުކޮށް ދައުވާކުރީއެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އާސިފްގެ މައްޗަށް ވަނީ ކޮށްފައެވެ. ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ކުރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނެއެވެ.