ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނެރެ، އެއްވެސް ހަރަކާތެއްގައި ބައިވެރިނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މާދަމާ ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ލ.އަތޮޅިގެ ބައެއް ސްކޫލުތަކުން ކުދިން ނެރުމަށް އަންގައި އާންމުވެފައިވާ ސިޓީތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މިދެންނެވި ފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިލްތިމާސްކުރައްވަވާކަމަށެވެ.

އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެ. ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން.
– އިބްރާހިމް ހޫދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ނެރުމަށް ލ.އަތޮޅު ކައުންސިލް ރައީސް ސޮއިކުރަވައި ވަނީ ލ.އަތޮޅުގެ ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައިން ގުޅާލަދެއްވުމާއި، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ޚިދުމަތް ފައްޓަވައި ދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް މިމަހުގެ 3 ވަނަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، އެރަސްމިއްޔާތު އޮންނާނީ ލ. ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގު ކޮޅުގައި އޮންނަ ޒޯން ސްޓޭޑިއަމްގައިކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުން ސޯޝަލް މީޑިޔާގައި އަޒާމުވުމުން ސަރުކާރުން ވަނީ ނިންމުން ބަދަލުކޮށްފައެވެ. ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނެރެ، އެއްވެސް ހަރަކާތެއްގައި ބައިވެރިނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވާފައިވާއިރު އެމަނިކުފާނު އެންމެފަހުން ހޯރަފުށްޓަށް ވަޑައިގެންނެވި ރަސްމިއްޔަތުގައި މަރުހަބާ ދެންނެވުމަށްވެސް ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން ބައިވެރިކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ